ވިޔަފާރި

ދިވެހި އުފެއްދުންތަކަށް ޚާއްސަ ފިހާރައެއް ހުޅުމާލެ ސެންޓްރޯ މޯލްގައި ހުޅުވައިފި


ދިވެހި އުފެއްދުންތަކަށް ޚާއްސަކޮށްގެން ހުޅުމާލެ ސެންޓްރޯ މޯލްގައި 'އޮތެންޓިކް މޯލްޑިވްސް'ގެ ނަމުގައި ބީސީސީން ފިހާރައެއް ހުޅުވައިފިއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީގެ އޮތެންޓިކް މޯލްޑިވްސް ފިހާރައަކީ ދިވެހި އަތްތެރި މަސައްކަތް ކުރާ ދިވެހިންނަށް އަމާޒުކޮށްގެން ސަރުކާރުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމުގެ ސިޔާސަތުގެ ދަށުން އެފަދަ ވިޔަފާރިތައް ކުރިއެރުވުމުގެ މަޤްސަދުގައި ހުޅުވާފައިވާ ފިހާރައެކެވެ.

މި ފިހާރަ ހުޅުއްވައިދެއްވާ ޕީއެސްއެމް ނިއުސްއާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޔުމްނާވަނީ މިފަދަ ފިހާރަތަކުގެ ސަބަބުން ފަންނުވެރިންގެ ހުނަރު ކުރިއެރުވުމަށް މިފަދަ ފިހާރަތަކުގެ މުޙިއްމުކަން ފާހަގަކޮށްފައެވެ.

"ފަންނުވެރިކަމާއި ތަރިކަ ކުރިއެރުވުމަށް ހަމަ ވަރަށް މުޙިއްމު ކަމެއް ޙަޤީޤަތުގައި މިގޮތަށް އުފައްދާ ތަކެތި މާކެޓުކޮށް ވިއްކޭނެ ގޮތްތަކެއް ހަމަޖެހިގެންދިޔުމަކީ، އަދި ކުޑަކުދިންގެ އުފެއްދުންތައްވެސް މިތަނުން ލިބެން އެބަހުރި، މިއީ ވަރަށް އުފާވެރިކަމެއް،" މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ.

މި ފިހާރަ ހުޅުވުމުގެ ހަފްލާގައި މިނިސްޓަރ އޮތް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަޙްމަދު މަހްލޫފް ދެއްކެވި ވާހަކަފުުޅުގައި މިފަދަ ފިހާރަތަކުގެ ސަބަބުން ޤައުމުގެ ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

" އަމިއްލަ މަސައްކަތްކުރާ، އަމިއްލަ އުފެއްދުންތައް އުފައްދާ ފަރާތްތަަކަށް ހުޅުވާލަދޭ ވަރަށް ރަނގަޅު ފުރުސަތެއްކަމަށް ޤަބޫލްކުރަނީ، ޒުވާނުން ކުރިއެރުވުމަށް އިކޮނޮމިކް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރުއަދާކުރަން ބޭނުން،" މިނިސްޓަރ މަހްލޫފް ވިދާޅުވިއެވެ.

ކުދި ވިޔަފާރީގައި ހަރަކާތްތެރިވާ 57 ވިޔަފާރިވެރިއެއްގެ އުފެއްދުން މި ފިހާރައިން ލިބެން ހުންނާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޟް އިސްމާއިލް ވިދާޅުވީ ފަންނުވެރިންގެ އުފެއްދުންތައް މާކެޓުކުރުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުޅުވި ފިހާރައަށްވެށްވެސް ވަރަށް ބޮޑު ތަރުޙީބެއް ލިބިގެންގޮސްފައިވާ ކަމަށެވެ. އަދި ރާއްޖެއިން ފުރާ ބޭރު މީހުންނާއި ދިވެހި އުފެއްދުންތެރިންނާއި ގުޅާލަދީ ބޭރު ޤައުމުތަކުގައި އެފަރާތްތަކުގެ އުފެއްދުންތައް މާކެޓުކުރުމުގެ ފުރުސަތުވެސް ފަހިވެގެންގޮސްފައިވާ ކަން މިިނިސްޓަރ ފާހަގަކުރެެއްވިއެވެ. އަދި ކުރިމަގުގައި ރާއްޖޭގެ ރިސޯޓުތަކަށްވެސް މި ވިޔަފާރި ފުޅާކުރުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" އެއް ބޭފުޅެއްގެ ފަރާތުން ޚަބަރުލިބިފަ އެބައޮތް އައި ޓޫރިސްޓަކު ގަތް އެއްޗެހިތައް ކަމުގޮސްގެން. ވިޔަފާރީގެ ގޮތުގައި ދުބާއީއަށް އެއްޗެހި ސަޕްލައިކޮށްދިނުމުގެ ފުރުސަތު އެފަރާތަށްވަނީ ލިބިފައި، އަޅުގަނޑުމެންގެ މަސައްކަތުގައި އެބައޮތް ރާއްޖޭގެ ހުރިހާ ރިސޯޓެއްގައިވެސް އޮތެންޓިކް މޯލްޑިވްސްގެ ޕްރެސެންސެއް އޮތުން،" މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ.

ދިވެހި އުފެއްދުންތަކަށް ޚާއްސަކޮށްގެން ހުޅުމާލެ ސެންޓްރޯ މޯލްގައި ބީސީސީން ހުޅުވާފައިވާ ފިހާރައިގައި
މިހާރު ރާއްޖޭގައި މަޝްހޫރުކަން ހޯދާފައިވާ ބައެއް ބްރޭންޑްތަކުގެ އުފެއްދުންތަކާއި ބައެއް އަމިއްލަ ފަރާތްތަކުގެ އުފެއްދުންތައް ހުރެއެވެ. އެގޮތުން ޒީނަތްތެރިވުމަށް ބޭނުންކުރާ ގަހަނާ، ކީ ޗެއިންސް، ދަބަސް، ހެދުން ފަދަ ތަކެތި މިފިހާރައިގައި ހުރެއެވެ. މީގެ އިތުރުން ރާއްޖޭގެ ޘަޤާފަތް ދައްކުވައިދޭ ގޮތަށް ފަރުމާކޮށްފައިވާ ކުރެހުންތަކާއި ލިޔެލާޖެހި ޓުކުރިތަކާއި ޘަޤާފީ އެކި ކަންކަން ދައްކުވައިދޭ ތަފާތު އުފެއްދުންތައް މި ފިހާރައިގައި ލިބެންހުރެއެވެ. އަދި އަމިއްލަ ފަރާތްތަކުން އެކި ރަހަތައް ހިމެނޭގޮތަށް ހަދާފައިވާ ކާނާގެ ބާވަތްތައްވެސް މި ފިހާރާއިން ލިބޭނެއެވެ. މި ފިހާރައިގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ކުޑަކުދިންގެ އުފެއްދުންތައްވެސް މިފިހާރައިން ލިބެން ހުރުމެވެ.

ބީސީސީން ވަނީ މިއަހަރުގެ ޖެނުއަރީމަހުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ޑިއުޓީ ފްރީގައި ދިވެހި އުފެއްދުންތަކަށް ޚާއްސަ ފިހާރައެއް ހުޅުވާފައެވެ.