ޚަބަރު

ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެތި ރެގިއުލޭޓްކުރުން މިހާރަށްވުރެ ވަރުގަދަކުރާނަން - ހެލްތު މިނިސްޓަރ


މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ މެދުވެރިކޮށް ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެތި ރެގިއުލޭޓްކުރުމުގެ މަޝްރޫއެއް ފަށްޓަވާނެ ކަމަށް މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ. ހެލްތު މިނިސްޓަރ ވިދާޅުވީ ދުޅަހެޔޮ ސިއްޙަތެއްގައި އޮތް އާބާދީއަކަށް އެންމެ މުހިއްމު އެއްކަމަކީ އެބަޔަކު ކެއިން ބުއިމުގައި ބޭނުންކުރާ ބާވަތްތަކާއި އާދަތައް ކަމަށެވެ.

ޕީއެސްއެމްނިއުސްގެ ބަޖެޓް ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ އަޙުމަދު ނަސީމް ވިދާޅުވީ ޞިއްޙީ ނިޒާމުގެ ތަރައްޤީގެ މިސްރާބު ހަމައެކަނި ހުންނަން ޖެހެނީ ބަލިޖެހުމުން އަޅާ ފިޔަވަޅުތަކަށް އެކަނި ނޫންކަމަށެވެ. އެއަށްވުރެ ބޮޑަށް ބަލިތަކުން ދުރުހެލިވުމަށްޓަކާ ޢާއްމު ސިއްޙަތަށް ޚާއްސަ އިސްކަމެއް ދެއްވުމުގެ މުހިއްމުކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ ރެގިއުލޭޓްރީ ބޮޑީ ކަމަށްވާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭގެ ދަށުން ކާބޯތަކެތި މޮނީޓަރކުރުމާއި މީހުން ހޭލުންތެރިކުރުމުގެ ބޮޑު މަޝްރޫއެއް ކުރިއަށްގެންދަވާނެ ކަމަށް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ. މިއާއެކު ރާއްޖެ އެތެރެކުރެވޭ ކާބޯތަކެތީގެ ބާވަތްތައްވެސް ބެލެހެއްޓޭނެ ގޮތެއް އިކޮނޮމިކް މިނިސްޓްރީއާއި ގުޅިގެން ހަމަޖައްސަވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިމަސައްކަތް ކުރިއަށް އޮތް އަހަރެއްހާ ދުވަސްތެރޭގައި ފައްޓަވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ބޮޑެތި އިސްލާޙީ ބަދަލްތައް ގެންނަވާ އެދާއިރާ ހަރުދަނާކުރެއްވުމަށް ނިންމަވާފައިވާކަމަށްވެސް މިނިސްޓަރވަނީ ވިދާޅުވެފައެވެ.

އަޑު: ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް އަޅުގަނޑު އެބަ މަސައްކަތްކުރަން. މީގެ ދަށުން ކާބޯތަކެތި ރެގިއުލޭޓްކުރުމުގެ މަސައްކަތް އަހަރެއްހާ ދުވަސްތެރޭގައި ފަށައިގަނެވޭނެކަމަށް މިބަލަނީ." ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވިއެވެ.

ރާއްޖޭގައި ކާބޯތަކެތި ރެގިއުލޭޓް ކުރުމަށް އެމްއެފްޑީއޭ އާއި ގުޅިގެން މިނިސްޓްރީ އޮފް އެގްރިކަލްޗަރއިންވެސް އަންނަނީ މަސައްކަތްކުރައްވަމުންނެވެ.

ރާއްޖޭގައި ހައްދާ ކާބޯތަކެތީގެ ބާވަތްތަކަކީ ސިއްޙަތަށް ފައިދާހުރި ގޮތަކަށް ހައްދާފައިވާ ބާވަތްތަކަކަށް ހަދާ ފާޓިލައިޒަރ މަދުން ބޭނުންކޮށްގެން ކާބޯތަކެތި ހެއްދުމަށް ދަނޑުވެރިންގެ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ވޭތުވެދިޔަ އަހަރުތަކުގައިވެސް ވަނީ ކޮށްފައެވެ.