ވިޔަފާރި

ގެއްލުންނުވެ ހިންގޭ ވަރަށް އަންނަމަހު އޮކިޕެންސީ މަތިވާނެ: މިނިސްޓަރ މައުސޫމް


ރާއްޖޭގައި ފަތުރުވެރިންނަށް ޙިދުމަތްދޭ ތަންތަން އަންނަ މަސްތެރޭ ގެއްލުންނުވެ ހިންގޭވަރަށް އޮކިއުޕެންސީ މައްޗަށް އަރާނެކަމުގެ އުއްމީދު އެބައޮތްކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް ޑރ.އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ފާއިތުވި ދެއަހަރު ދުވަހުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކާއި ކުރިއަށް ރޭވިފައިވާ ކަންކަމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާއި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ކުރަމުންދަނީ ތައުރީފް ހައްޤު މަސައްކަތްތަކެއް ކަމަށެވެ.

މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި ފަތުރުވެރިކަމުގެ 51 ހާސް އެނދު ހުރި އިރު 60 އިންސައްތަ އަށް ވުރެ ގިނަ އެނދު މިހާރު ވަނީ އޮޕަރޭޝަނަށް ގެނެވިފައެވެ. އަދި މިއީ ވަރަށް ބޮޑު ކާމިޔާބެއް ކަަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" މިހާރު އެންމެ ބޮޑު މަސައްކަތަކަށް މިއޮތީ ފަތުރުވެރިންނަށް ރާއްޖެ އޮތީ ތައްޔާރަށްކަމުގެ މެސެޖް ދިނުން، އިންޑަސްޓްރީ ޕާޓުނަރުންގެ ފުރިހަމަ އެއްބާރުލުމާއި އެކު އެ މެސެޖް އެބަ ދެވޭ، އެ މެސެޖު މިދެވެނީ ރާއްޖޭގެ ހުރިހާ ރައްޔިތުން މިކަމަށް އެއްބާރުލުން ދިނުމުން، ޙާއްސަކޮށް މިކަންތައް މެނޭޖްކުރުމުގައި ހަރަކާތްތެރިވާ ފަރާތްތައް ކުރަމުންދާ މަސައްކަތް ފާހަގަކޮށްލެވޭ،" މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކުރަމުންދާ މަސައްކަތްތަކާއި އެކު އަންނަ އަހަރަށް މަރުހަބާ ކިޔާނީ ހިނިތުންވެ ތިބެކަމަށެވެ. ފަތުރުވެރިކަމަކީ ދަތުރުފަތުރާއި ގުޅިފައިވާ ސިނާއަތަކަށްވާއިރު، ކޯވިޑްގެ ހާލަތުގައި ރާއްޖެއިން ފަތުރުވެރިކަމާއިއެކު ފަށައިގަތުމަކީ ވަރަށް ބޮޑު ކުރިއެރުމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވަނީ މިމަހުގެތެރޭ ވަރަށް އުފާވެރި ޙަބަރެއް ރައްޔިތުންނަށް ދޭނެ ކަމަށެްވެސް ވިދާޅުވެފައެވެ.

" މިމަހުގެ ތެރޭގައި ވަރަށް އުފާވެރި ޙަބަރެއް ތިބޭފުޅުންނަށް އަރުވާނަން، އޭގެން ރަމްޒުކޮށްދޭނެ ރާއްޖޭގެ ޓޫރިޒަމް ހޯދި ކާމިޔާބީ، " މިނިސްޓަރ ވިދާޅުވިއެވެ.

ކޯވިޑް-19 ފެތުރުން ރާއްޖޭގައި ހުއްޓުވުމުގެ ގޮތުން ބޯޑަރު ބަންދުކޮށްފައިވަނީ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ. ގާތްގަނޑަކަށް 4 މަހެއްހާ ދުވަސްވަންދެން ރާއްޖޭގެ ބޯޑަރު އޮތީ ބަންދުކޮށްފައި އޮތުމަށްފަހު ބޯޑަރު އަލުން ހުޅުވާފައިވަނީ ޖުލައިމަހުގެ 15ވަނަ ދުވަހުއެވެ.

މިއާ އެކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ބޯޑަރު އަލުން ހުޅުވާލުމާއިއެކު މިމަހުގެ 8ވަނަ ދުވަހުގެ ނިޔަލަށް 40000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މީގެތެރެއިން 50 އިންސައްތަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ނިމިދިޔަ އޮކްޓޯބަރުމަހުގެ ތެރޭގައެވެ. އޮކްޓޯބަރުމަހުގެ ތެރޭގައި މުޅި ޖުމްލަ 21515 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިއީ 126 އިންސައްތައިގެ ކުރިއެރުމެއްކަމަށް އިމިގްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.ަަ