ޚަބަރު

ފުލުހުންކަމަށް ހެދިގެން ބަޔަކު މާލޭ ގެސްޓްހައުސަކަށް ވަދެ މުވައްޒަފުން ބަނުމަށްފަހު ތަކެތި ފޭރިއްޖެ


ފުލުހުން ކަމަށް ހެދިގެން ބަޔަކު މާލޭ ގެސްޓްހައުސަކަށް ވަދެ އެތާނގެ މުވައްޒަފުންތަކެއް ބަނުމަށްފަހު، ބައެއް ތަކެތި ފޭރިގެންފިއެވެ.

ފުލުހުން ވިދާޅުވީ، މިއަދު ވަގުތެއްގައި މަޖީދީމަގު، ފަރިވާ ސްޓޭއަށް ތިން މީހަކު ވަދެ، އެމީހުންނަކީ ޕޮލިސް އިންޓެލިޖެންސްއިންކަމަށް ބުނެ، އެތާނގެ 3 މުވައްޒަފުން ކްލިޕް އަޅުވާ ބަނުމަށްފަހު، އެތަނުގެ ބައެއް ތަކެތި ފޭރިގަނެގެން ގެންގޮސްފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ. މިކަން ހިނގާފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައިކަމަށާއި، މި މައްސަލަ ތަޙުޤީޤުކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މަައްސަލައިގައި ބަޔަކު ހައްޔަރުކުރިކަމެއް އަދި ފޭރިގެންފައިވާ ތަކެތީގެ އިތުރު މަޢުލޫމާތެއް ފުލުހުން އަދި ހާމަކުރައްވާފައެއް ނުވެއެވެ.