ޚަބަރު

ބަޙްރައިންގެ ބޮޑުވަޒީރު އަވަހާރަވުމާއި ގުޅިގެން ރައީސް ޞާލިޙް ތައުޒިޔާ ވިދާޅުވެއްޖެ


ބަޙްރައިންގެ ބޮޑުވަޒީރު ޕްރިންސް ޚަލީފާ ބިން ސަލްމާން އަލް ޚަލީފާ އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެ ޤައުމުގެ ރަސްގެފާނު ޙަމަދު ބިން އީސާ އަލް ޚަލީފާއަށް ތަޢުޒިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ބަޙްރައިންގެ ރަސްގެފާނަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ތަޢުޒިޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ބޮޑުވަޒީރު ޕްރިންސް ޚަލީފާ ބިން ސަލްމާން އަލް ޚަލީފާ ކުރައްވާފައިވާ މަސައްކަތްޕުޅާއި, ޑިޕްލޮމަސީގެ ދާއިރާއިން ޙާޞިލުކުރައްވާފައިވާ ކުރިއެރުންތަކަކީ ބަޙްރެއިންގެ ރައްޔިތުންގެ އިތުރުން ބައިނަލްއަޤްވާމީ މުޖުތަމަޢުން ވެސް ފާހަގަކުރާނެ މުހިންމު މަސައްކަތްޕުޅު ތަކެއްކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވައިލައްވާފައި ވަނީ ރާއްޖެއާއި ބަޙްރެއިންގެ ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިވެގެން ދިއުމަށް އެދިވަޑައިގެން އަދި ބޮޑުވަޒީރުގެ ފުރާނަ ފުޅަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާ ދަންނަވަމުންނެވެ.

އެންމެ ގިނަ ދުވަސްވަންދެން ބަހުރައިންގެ ބޮޑުވަޒީރުގެ ގޮތުގައި ޚިދުމަތްކުރެއްވި، ބޮޑުވަޒީރު ޝައިޚު ޚާލީފާ ބިން ސަލްމާން އަލްޚަލީފާ އަވަހާރަވީ އެމެރިކާގެ ހަސްފަތާލެއްކަމަށްވާ މޭޔޯ ކުލިނިކު ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުންދަނިކޮށެވެ. އެމަނިކުފާނު އަވަހާރަވީއިރު އުމުރުފުޅަކީ 84 އަހަރެވެ.

ބަހުރައިނުގެ ރަސްގެފާނު ޝައިޚު ހަމަދު ބިން ޢީސާ އަލްޚަލީފާ ވަނީ ކުރިއަށް އޮތް އެއް ހަފުތާއަކީ ހިތާމަ ފައުޅުކުރުމުގެ އެއް ހަފުތާގެ ގޮތުގައި ކަނޑައަޅުއްވައި އެ ޤައުމުގެ ދިދަތައް ބައިދަނޑިއަށް ތިރިކުރައްވާފައެވެ.

ބަހުރައިނުގެ ޝާހީ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނީ ބޮޑުވަޒީރުގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދާނީ އެމަނިކުފާނުގެ ހަށިކޮޅު އަނބުރާ ބަހުރައިނަށް ގެނައުމަށް ފަހުގައި ރަސްމީ އިއްޒަތުގައި ކަމަށެވެ.