ޚަބަރު

ޓުއަރިޒަމް މިނިސްޓްރީގެ ހެލްޕް ޑެސްކެއް ވީއައިއޭގައި ހުޅުވައިފި


ވެލާނާ އިންޓަރނޭޝަން އެއަރޕޯޓްގައި މިނިސްޓްރީ އޮފް ޓޫރިޒަމްގެ ހެލްޕް ޑެސްކެއް ޤާއިމްކޮށް ޚިދުމަތްދޭން ފަށައިފިއެވެ.

މި ހެލްޕް ޑެސްކް އިފްތިތާޙުކޮށް ދެއްވީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އެއަރޕޯރޓުގައި 35 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްދެއްވާފައިވާ ބޭފުޅެއްކަމުގައިވާ މުހައްމަދު ޝިޔާމްއެވެ.

މި ޑެސްކް ޤާއިމްކުރުމުގެ މައިގަނޑު މަޤްޞަދަކީ ކޯވިޑް-19 އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި، މިނިސްޓްރީ އޮފް ޓޫރިޒަމްއިން ހަދާފައިވާ ގައިޑްލައިންތަކުގެ މަޢުލޫމާތު ފަތުރުވެރިންނަށް ފޯރުކޮށްދިނުމާއި، ސިއްޙީ ޚިދުމަތްދޭ އިދާރާތަކާއި، ފަތުރުވެރިންނާ ދެމެދު ހިނގާ މުޢާމަލާތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، ރިޒޯޓް، ހޮޓާ، ގެސްޓްހައުސް، ސަފާރީ އުޅަނދު އަދި ޓްރެވެލް އޭޖެންޓުންނާ ފަތުރުވެރިންނާ ދެމެދު ދިމާވާ މައްސަލަތަކަށް އަވަސް ހައްލު ހޯދައިދިނުމަށް މަގުފަހިކޮށްދިނުންކަމަށް ޓުއަރިޒަމް މިނިސްޓްރީއިން ވިދާޅުވެއެވެ.

މީގެ އިތުރުން އިމިގްރޭޝަން، ކަސްޓަމްސް، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އަދި މި ނޫންވެސް ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކާ ފަތުރުވެރިންނާ ދެމެދު ހިނގާ މުޢާމަލާތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، އެއަރލައިންތަކާއި ޓޫރިސްޓް ޕޮލިހާއި، ފަތުރުވެރިންނާ ދެމެދު ހިނގާ މުޢާމަލާތްތަކުގައި އެހީތެރިކަން ފޯރުކޮށްދީ އަދި މި ނޫންވެސް ފަތުރުވެރިންނަށް އެއަރޕޯޓުގައި ދިމާވެދާނެ ދަތިތަކަށް އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށް ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

ހެލްޕް ޑެސްކް ހުޅުއްވާދެއްވުމަށްފަހު ވާހަކަދައްކަވަމުން މުހައްމަދު ޝިޔާމް ވިދާޅުވީ، މި ހެލްޕް ޑެސްކްގެ ސަބަބުން ފަތުރުވެރިން ރާއްޖެއަށް އައިސް ދިމާވާ ގިނަ މައްސަލަތަކަކަށް އަވަސް ހައްލުތަކެއް ލިބިގެންދާނެކަމަށެވެ. އަދި ފަތުރުވެރިން ރާއްޖެ އައިސް، ރާއްޖެއިން ފުރައިގެން ދިއުމުގައި، ހެދިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ފަސޭހަކަމާއިއެކު ޢަމަލުކުރެވި، ފަތުރުވެރިންގެ ރައްކައުތެރިކަން މިހާރަށްވުރެ އިތުރަށް ކަށަވަރުވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

"ހެލްޕް ޑެސްކްއެއް ޤާއިމުކުރުމަކީ ވަރަށް މުހިންމުކަމެއް އިނގޭތޯ.. މިކަމުގެ ސަބަބުން ފަތުރުވެރިން ރާއްޖެއައިސް، ރާއްޖެއިން ފުރައިގެން ދިއުމުގައި، ހެދިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ފަސޭހަކަމާއިއެކު ޢަމަލުކުރެވި، ފަތުރުވެރިންގެ ރައްކައުތެރިކަން މިހާރަށްވުރެ އިތުރަށް ކަށަވަރުވެގެންދާނެ" މުހައްމަދު ޝިޔާމް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އިޤްތިޞާދުގެ ބޮޑު އިންސައްތައެއް ބަރޯސާވަނީ ފަތުރުވެރިކަމަށް ވީހިނދު، އެ ފަރާތްތަކަށް ރާއްޖެއިން ފުރަތަމަ މަރުޙަބާ ކިޔާތަނަކީ އެއަރޕޯޓްކަމަށް ވާތީ، މި ހެލްޕް ޑެސްކް ސަބަބުން އެ ފަރާތްތަކަށް ދިމާވެދާނެ އެންމެހައި ދަތިތަކަށް އެހީތެރިކަން ފޯރުކޮށްދީ ފަތުރުވެރިންނަށް ހޫނު މަރުޙަބާއެއް ކިޔުމަށް މަގުފަހިވެގެންދާނެކަމަށް ޓުއަރިޒަމް މިނިސްޓްރީއިން ވިދާޅުވެއެވެ.

ހެލްޕް ޑެސްކް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. ޢަބްދުﷲ މަޢުސޫމްގެ އިތުރުން މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑްއާއި، އެއަރޕޯރޓުގައި ޙަރަކާތްތެރިވާ އެހެނިހެން ކަމާބެހޭ ފަރާތްތަކުން ބައިވެރިވަޑައިގެންނެވިއެވެ.

އަލަށް ހުޅުވި ހެލްޕް ޑެސްކް ހުންނަނީ ފަތުރުވެރިން ރާއްޖެއައިސް ފުރަތަމަ ނިކުންނަ އެރައިވަލް ޓަރމިނަލް ކުރިމަތީގައެވެ.