ދުނިޔޭގެ ވިޔަފާރި

ހޮންކޮންގްއާއި ސިންގަޕޫރާ ދެމެދު ޓްރެވަލް ބަބުލްއެއް ޤާއިމްކުރަނީ


ހޮންކޮންގްއާއި ސިންގަޕޫރާއި ދެމެދު މިމަހުގެ 22 ވަނަ ދުވަހު ޓްރެވަލް ބަބަލްއެއް ފަށާނެކަން ހާމަކޮށްފިއެވެ.

"ޓްރެވަލް ބަބަލް" ނުވަތަ "އެއާ ބްރިޖް"ގެ ސަބަބުން ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ދެގައުމުގެ ދޭތެރޭގެ މަޑުޖެހިފައިވާ ވައިގެ ގުޅުން އަލުން ފެށިގެންދާނެކަމަށް ސިންގަޕޫރު ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ހޮންކޮންގްއާއި ސިންގަޕޫރާއި ދެމެދު މިމަހުގެ 22 ވަނަ ދުވަހު ޓްރެވަލް ބަބުލްއެއް ފެށުމަށް ހޮންކޮންގެ ކޮމާސް ސެކެޓްރީއާއި ސިންގަޕޫރުގެ ޓްރާންސްޕޯޓް މިނިސްޓަރ ވަނީ ސްކީމެއް އެކުލަވާލާ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

މި ސްކީމްގެ ދަށުން މިމަހުގެ 22 ވަނަ ދުވަހު ދަތުރުތައް ފަށާއިރު، ކޮންމެ ދުވަހަކުވެސް ކޮންމެ ޤައުމަކަށް އެއް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. ކޮންމެ ފްލައިޓެއްގައިވެސް 200 މީހުން އުފުލުމަށް ހަމަޖެހިފައިވާއިރު، ޑިސެމްބަރ 7 ވަނަ ދުވަހުން ފެށިގެން ދުވާލަކު ކޮޅަކަށް ކުރާ ދަތުރު ދެ ދަތުރުތައް އިތުރުކުރުމަށް ވަނީ ނިންމާފައެވެ. އެހެންނަމަވެސް ދެ ޤައުމުގެ ކޯވިޑްގެ ޙާލަތު ގޯސްވާން ފަށައިފިނަމަ އެއަރބަބުލް ވަގުތުން ސަސްޕެންޑްވާނެކަމަށް މި އެއްބަސްވުމުގައި ވަނީ ބުނެފައެވެ.

ހޮންކޮންގްއާއި ސިންގަޕޫރާއި ދެމެދު އަލަށް ފަށާ އެއަރ ބަބުލްއާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ސިންގަޕޫރުގެ ޓްރާންސްޕޯޓް މިނިސްޓަރ އޮންގް ޔޭ ކުންގް ވަނީ މި އެއަރ ބަބްލްއާއެކު ޝެޑިއުލް ފްލައިޓްތައް ފެށުމުން އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ވިދާޅުވެފައެވެ. އަދި ދަތުރުތައް ފެށިނަމަވެސް، ކޮވިޑް-19 އިން ރައްކާތެރިވުމަށް މިހާރު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދެ ގައުމުންވެސް ދަމަހައްޓަމުން ގެންދާނެކަމަށް ސިންގަޕޫރުގެ ޓްރާންސްޕޯޓް މިނިސްޓަރ ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ދަށުން އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުކުރުމަށްފަހު ކަރަންޓީންވާކަށް ނުޖެހޭނެއެވެ. އެގޮތުން ދަތުރުކުރާއިރު 72 ގަޑިއިރުނުވާ ކޯވިޑް-19ގެ ނެގެޓިވް ޓެސްޓެއް އޮންނަންޖެހެއެވެ. އަދި ހޮންކޮންގްއަށް ދިއުމުން އެއަރޕޯޓުން އިތުރު ޕީސީއާރް ޓެސްޓެއް ހަދާނެކަމަށް ހޮންކޮންގް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މި ޓްރެވަލް ބަބުލްގެ ދަށުން ދަތުރުކުރެވޭނީ 14 ދުވަސްތެރޭގައި އެހެން ޤައުމަކަށް ދަތުރުނުކުރާ ފަރާތްތަކަށް އެކަނިކަމަށް މި އެއްބަސްވުމުގައި ވަނީ ބަޔާންކޮށްފައެވެ.

ހޮންކޮންގްއާއި ސިންގަޕޫރާއި ދެމެދު ޓްރެވަލް ބަބުލްއެއް ފަށާއިރު، މިއީ އެ ޤައުމުން ކޯވިޑްއާއި ގުޅިގެން މާރޗްމަހު ބޯޑަރުތައް ބަންދުކުރުމަށްފަހު އެހެން ޤައުމަކާއި ދެމެދު ދަތުރު ފަށާ ފުރަތަމަ ފަހަރެވެ. މި ބަބުލް މެދުވެރިކޮށް ސިންގަޕޫރުން ކަރަންޓީންވުމަކާއި ނުލާ ހޮންކޮންއަށް އާދެވޭއިރު، ޗައިނާއިން ހޮންކޮންގްއަށް އެތެރެވެވެނީވެސް 14 ދުވަހުގެ ކަރަންޓީން ފުރިހަމަކުރުމަށް ފަހުގައެވެ.

ހޮންކޮންގްއާއި ސިންގަޕޫރާއި ދެމެދު އެކުލަވާލި އެއަރ ބަބުލްގެ ދަށުން ދަތުރުތައް ކުރާނީ ސިންގަޕޯރ އެއަރލައިންއާއި ކެތޭ ޕެސިފިކްގެ ފްލައިޓްތަކުގައިކަމަށް ހޮންކޮންގްއިން ވަނީ ހާމަކޮށްފައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ތެރޭގައި ސިންގަޕޫރުން ހަތަރު ސަތޭކަ ފަންސާސް ހާސް ފަތުރުވެރިން ހޮންކޮންގްއަށް ދަތުރުކޮށްފައިވާއިރު، ހޮންކޮންގްއިން ހަތަރު ސަތޭކަ އަށްޑިހަ ނުވަހާސް ފަތުރުވެރިން ސިންގަޕޫރަށް ވަނީ ދަތުރުކޮށްފައެވެ.