ހއ ދިއްދޫގައި އިމާރާތްކުރާ އައު އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ.
އެކަމަށްޓަކާ މިއަދު ހެނދުނު އެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ދިއްދޫ އައު އިންޖީނުގޭގެ ބިންގާ އަޅުއްވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދުގެ އިތުރުން ދިއްދޫގެ ރައްޔިތެއް ކަމަށްވާ އަބްދުއްﷲރަޝީދެވެ.
ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު ވިދާޅުވީ ދިއްދޫގައި އިމާރަތްކުރާ އައު އިންޖީނުގޭގެ މަޝްރޫޢަކީ 13 މިލިޔަނާ 15 މިލިޔަނާ ދެމެދުގެ އަގެއް ކަނޑައެޅިގެން ކުރިޔަށްދާ މަޝްރޫޢެއްކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން ދިއްދޫގައި އިމާރަތްކުރާ އިންޖީނުގޭގައި 10 މެގަވޯޓުގެ ސިސްޓަމެއް ބެހެއްޓޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ދިއްދޫގައި އިމާރާތްކުރާ އައު އިންޖީނުގޭގެ މަސައްކަތް މިމަހުގެ ފަހުކޮޅު މޮބިލައިޒް ކުރެވިގެންދާނެކަމަށާއި އަދި މިމަސައްކަތް ފަށާތާ 7 މަހާ 9 މަހާ ދޭތެރޭ މަސައްކަތް ނިންމަންޖެހޭނެ ކަމަށްވެސް ސައީދުވަނީ ވިދާޅުވެފައެވެ.
ބިންގާ އެޅުމުގެ މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު ވިދާޅުވީ ފެނަކައިން ރާއްޖޭގެ ރަށްތަކުގައި މިހާރު އިމާރާތްކުރާ އިންޖީނުގެތަކަކީ މިހާރު ހުރި އިންޖީނުގެތަކާ ވަރަށް ތަފާތު އިންޖީނުގެތަކެއް ކަމަށާއި މި އިންޖީނުގޭގެ ސަބަބުން ރައްޔިތުންނަށް އެއްވެސް އުނދަގުލެއް ކުރިމަތި ނުވާނެ ކަމަށެވެ. އަދި ފެނަކަ ކޯޕަރޭޝަނުން 48 ރަށެއްގައި އިންޖީނުގޭގެ މަސައްކަތް ފަށާފައިވާ ކަމަށާއި މީގެތެރެއިން 15 އިންޖީނުގޭގެ މަސައްކަތް މިހާރު ނިމިފައިވާކަމަށްވެސް ސައީދުވަނީ ވިދާޅުވެފައެވެ.
ފެނަކަ ކޯޕަރޭޝަނުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ރަށްރަށުގެތެރެއިން މީހުން ދިރިއުޅޭ ސަރަޙައްދުގައި ހުރި އިންޖީނުގެތައް މީހުން ދިރިނޫޅޭ ސަރަޙައްދުތަކަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މިއަހަރު މިހާތަނަށް ފެނަކައިން ވަނީ ގިނަ ރަށްރަށެއްގައި އިންޖީނުގެ އެޅުމަށް ނިންމައި އެތަންތަނުގެ ބިންގާ އަޅައިފައެވެ.
ރަށްރަށުގެ ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށް ފެނަކައިން ވަނީ މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ސަތޭކަ ފަންސާސް ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައެވެ.