ޚަބަރު

ޕްލޭޓް ބޭނުންކޮށްގެން ފުރަތަމަ ފަހަރަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ކަށީގެ އޮޕަރޭޝަނެއް ކޮށްފި


ކުޅުދުއްފުށީ ރީނަޖަލް ހޮސްޕިޓަލްގައި ފުރަތަމަ ފަހަރަށް ޕްލޭޓް ލައްވައިގެން މީހެއްގެ ފައިގެ ކުޑަހުޅުގެ ކަށިގަނޑެއް ގުޅުވަން އޮޕަރޭޝަނެއް ކޮށްފިއެވެ.

އޮޕަރޭޝަން ކޮށްފައިވަނީ ކުޅުމުގެތެރޭގައި އަނިޔާވެގެން މިމަހުގެ 5ވަނަ ދުވަހު އެހޮސްޕިޓަލަށް ގެންދިޔަ އުމުރުން 35 އަހަރުގެ ފިރިހެނެއްގެ ކުޑަހުޅެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ފައިގެ ކުޑަހުޅުން ނެއްޓި ފައިގެ ކަށިގަނޑެއްވެސް ވަނީ ބިންދައިގެންގޮސްފައި ކަމަށް ހޮސްޕިޓަލުން މައުލޫމާތުދެއްވައެވެ.

އޭނާގެ އޮޕަރޭޝަން ކުރެވުނީ އައިޖީއެމްއެޗުން އެކަމަށް ޚާއްސަ ތަކެތި ގެންގޮސްގެން މިމަހު 7 ވަނަ ދުވަހުއެވެ. ގާތްގަނޑަކަށް ދެ ގަޑިއިރަށް ކުރިއަށްދިޔަ އެއޮޕަރޭޝަންގައި އިސްކޮށް އުޅުއްވީ އެ ހޮސްޕިޓަލްގައި މަސައްކަތްކުރާ ކަށީގެ ޚާއްސަ ދެ ޑޮކްޓަރުންނެވެ. ކާމިޔާބު އޮޕަރޭޝަނަށްފަހު އޭނާ މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

މިއޮޕަރޭޝަން ކުރަން ބޭނުންކުރި ސާމާނަކީ އައިޖީއެމްއެޗުގައިވެސް މިފަދަ އޮޕަރޭޝަންތައް ކުރަން ބޭނުން ކުރާ ސާމާނު ކަމުން އެތަކެތި އަނބުރާ މާލެ ފޮނުވާލާފައިވާ ކަމަށެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ދާއޫދު ވިދާޅުވީ، މީގެ ކުރިންވެސް މިފަދަ އޮޕަރޭޝަން ކުރަން ތިން ފަރާތަކަށް ފުރުސަތު ދީފައިވާ ކަމަށެވެ. ނަމަވެސް އެއޮޕަރޭޝަންތައް ކުރެވޭނީ އެކަމަށް ބޭނުންވާ ސާމާނު އައިޖީއެމް އެޗުން ގެނެސްގެންކަމަށާއި، އެކަމަށް ބައެއްފަހަރު 4 ނުވަތަ 5 ދުވަސް ނަގާފާނެ ކަމަށް ބަލި މީހުންނަށް މައުލޫމާތު ދިނުމުން ގިނަ ޕޭޝަންޓުން އެހާލަތުގައި މަޑުކުރަން ޖެހިލުންވާ ކަމަށް އަހުމަދު ދާއޫދު ވިދާޅުވިއެވެ.

މެނޭޖަރ އިތުރަށް ވިދާޅުވީ މިފަދަ އޮޕަރޭޝަންތައް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައިވެސް ކުރެވޭނެ ފެންވަރުގެ ކަށީގެ ޑޮކްޓަރެއް މިވަގުތު އެހޮސްޕިޓަލުގައި ހުރި ކަމަށެވެ. އަދި މިއީ ފެށުމެއް ކަމަށް ބަލައިގެން ކުރިއަށް އޮތްތަނުގައި ދާއިމީ ގޮތެއްގައި އެހޮސްޕިޓަލުގައި މިފަދަ އޮޕަރޭޝަންތައް ކުރުމަށް ބޭނުންވާ ސާމާނު ހުންނާނޭ ގޮތެއް ހެދުމުގެ މަަސައްކަތް ކުރަމުން ގެންދަވާ ކަމަށްވެސް މެނޭޖަރ ވިދާޅުވިއެވެ.

މިއީ ޕްލެޓް ލައްވައިގެން އެހޮސްޕިޓަލްގައި ކުރި މިފަދަ ފުރަތަމަ އޮޕަރޭޝަން ނަމަވެސް މީގެ ކުރިން އެ ހޮސްޕިޓަލުގައި ވަނީ ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން ކޮށްފައެވެ.