ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙަންމަދު ނަޝީދު އިންޑިޔާގެ ފޮރިންގް ސެކްރެޓަރީއާ ބައްދަލުކުރައްވައިފިއެވެ.
މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފަވަނީ، ރަސްމީ ދަތުރުފުޅެއްގައި ދިވެހިރާއްޖެއަށް ވަޑައިގެން އުޅުއްވާ އިންޑިޔާގެ ފޮރިންގް ސެކްރެޓަރީއާ ބައްދަލުކުރެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ވަރަށްބޮޑު އުފަލެއް ކަމަށެވެ.
މި ބައްދަލުވުމުގައިވަނީ ރާއްޖޭގެ ނިމިދިޔަ ސަރުކާރުން އެކިކަންކަމަށް ނަގާފައިވާ ދަރަނީގެ ސަބަބުން ކުރިމަތިވެފައިވާ ކަންކަން ޙައްލުކުރުމަށް ރާއްޖެއިން ކުރައްވާ މަސައްކަތްތަކާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކަންކަމުގެ މައްޗަށް ބައްލަވާލައްވާފައެވެ.
އަދި މީގެ އިތުރުންވެސް ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުން އެގޮތުގައި ދެމެހެއްޓުމުގެ މުހިންމުކަމާ މެދު ވާހަކަދެކެވުނުކަމަށް ވެސް އެމަނިކުފާނުގެ ޓްވީޓްގައި ވަނީ ފާހަގަ ކުރައްވާފައެވެ.
އިންޑިޔާގެ ފޮރިންގް ސެކެޓްރީ ދިވެހިރާއްޖެއަށް ކުރައްވާ މިދަތުރުފުޅަކީ ދިވެހިރާއްޖޭގެ ފޮރިންގް ސެކްރެޓަރީ އަބްދުލްޣަފޫރް މުޙައްމަދުގެ ދައުވަތަކަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެކެވެ.