ކުޅިވަރު

އަންސޫ ފަޓީ އަށް އަނިޔާވެ ހަތަރުމަހަށް ކުޅުމާ ދުރަށް


ބާސެލޯނާގެ ޒުވާން ކުޅުންތެރިޔާ އަންސޫ ފަޓީއަށް އަނިޔާވެ ހަތަރުމަހަށް ކުޅުމާ ދުރަށްދާން ޖެހިއްޖެއެވެ.

ފަޓީއަށް އަނިޔާވެފަވަނީ އެންމެފަހުން ލީގުގައި ބާސެލޯނާ 5-2 ލަނޑުން ރެއާލް ބެޓިސްއަތުން މޮޅުވި މެޗުގައެވެ. ބާސެލޯނާއިން ކުރިން ބުނެފައިވާގޮތުގައި ކުޅުންތެރިޔާއަށް އަނިޔާވެފަވަނީ ކަކުލުގެ މެނިސްކަސްއަށެވެ. އޭނާގެ ކަކުލުގެ މެނިސްކަސް ވީދައިގެން ދިޔުމުގެ ސަބަބުން ވަނީ އޮޕެރޭޝަން ކޮށްފައެވެ. އަދި އޭނާ އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭނީ ހަތަރުމަސްފަހުން ކަމަށް ބާސެލޯނާއިން މައުލޫމާތުދެއެވެ.

މި ސީޒަންގައި މޮޅުކުޅުމެއް ދައްކަމުންދިޔަ ބާސެލޯނާގެ ކުޅުންތެރިޔާ ފަޓީ ވަނީ މި ސީޒަނުގައި އެޓީމަށް ކުޅުނު 10 މެޗުން ފަސްލަނޑުކމިޔާބުކޮށްފައެވެ. އަދި ތިން ލަނޑުޖަހަން އެހީތެރިވެދީފައެވެ. ލީގުގައި ފޯމު ގެއްލިފައިވާ ބާސެލޯނާއަށް ވަނީ ފަޓީގެ އަނިޔާގެ ސަބަބުން ބޮޑު ނުތަނަވަސްކަމާކާ ކުރިމަތިވެފައެވެ. މިވަގުތު ލީގުގައި ބާސެލޯނާ އޮތީ 8 ވަނަ މަގާމުގައިއެވެ.

ފަޓީ ވަނީ ހުސްވި ސެޕްޓެންބަރު މަހު ޔުކްރެއިން ކޮޅަށް ލަނޑުޖަހާ 59 އަހަރުގެ ތެރޭގައި ސްޕެއިންގެ ގައުމީޓީމަށް ލަނޑުޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް މުގުރުލާފައެވެ.