ވާދަވެރި ރިޔާސީ އިންތިޚާބަކަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕު އިންތިޚާބުން ނާކާމިޔާބުވެވަޑައިގަތުމުން އެ އިންތިޚާބުގެ ނަތީޖާ ބަލައިގަތުމަށް އެމަނިކުފާނު އަދިވެސް އަންނަނީ ދެކޮޅު ހައްދަވަމުންނެވެ. އެމަނިކުފާނުގެ ގޮތްދޫނުކުރުމުގެ ސަބަބުން ރައީސް ޓްރަންޕުގެ އެންމެ އަރިސް ބޭފުޅުންގެ މެދުގައި މައްސަލަ ޖެހި ވަނީީ ޚިޔާލު ތަފާތުވެފައެވެ.
ވޯޓު އޮޅުވާލާފައިވާކަމަށް ތުހުމަތުކުރައްވަމުންދާ ރައީސް ޓްރަންޕުގެ ދޮށީ ދަރިކަލުން، ޑޮނަލްޑް ޖޫނިއާއާއި އެރިކް ޓްރަންޕުދަނީ ބައިޑަނަށް އިންތިޚާބު ކާމިޔާބުވެފައިވާކަން ސާފުވި ނަމަވެސް ހިތްވަރު އެލުވާ ނުލައި ވޯޓުގެ ނަތީޖާއާއި ދެކޮޅަށް އަދިވެސް މަސައްކަތްކުރުމަށް ބާރުއަޅަމުންނެވެ. ނަމަވެސް އަނބިކަނބަލުން، ފަސްޓް ލޭޑީ މިލޭނިއާ ޓްރަންޕާއި ޓްރަންޕުގެ ޚާއްޞަ މުޝީރުގެ މަޤާމުގައި ހުންނެވި ދަނބިދަރިކަލުން ޖެރެޑް ކުޝްނާގެ ޚިޔާލު މުޅިން ތަފާތެވެ.
މިލޭނިއާ އާއި ޖެރެޑް ކުޝްނާ ވިދާޅުވަމުން ގެންދަވަނީ އިންތިޚާބުގެ ނަތިޖާ ބަލައިގަތުމަށް ރައީސް ޓްރަންޕަށް ނަސޭހަތްތެރިވަމުން ގެންދަވާކަމަށްވެއެވެ.
ރައީސް ޓްރަންޕުގެ ކެންޕެއިނުންދަނީ އިންތިޚާބުގެ ނަތީޖާ އޮޅުވާލާފައިވާކަމަށް ކުރާ ތުހުމަތުތަކާއި ގުޅޭ ގިނަ ޢަދަދެއްގެ މެސެޖު ފޮނުވުނަން ތައްޔާރުވަމުންނެވެ. ނަމަވެސް އެ ތުހުމަތުތަކަށް ބާރުދޭ އެއްވެސް ހެއްކެއް ޓްރަންޕުގެ ކެންޕެއިނަށް މިހާތަނަށް ދެއްކިފައެއް ނުވެއެވެ.
ވޯޓު އޮޅުވާލާފައިވާކަމުގެ މައިގަނޑު ހެއްކެއްގެ ގޮތުގައި މަރުވެފައިވާ މީހުންގެ މަރާއިބެހޭ ލިޔެކިޔުންތައް ހުށަހަޅާ، އެމީހުންގެ ނަމުގައި ވޯޓުލާފައިވާކަމަށް ބުނުމަށް ކެންޕެއިނުންވަނީ މަސައްކަތް ފަށައިފައެވެ. އެ ތުހުމަތުތަކާއި ބެހޭ މައުލޫމާތު ވީހާވެސް ގިނަ މީހުންނަށް ފޯޜުކޮށްދިނުމަށް ބޮޑެތި އެއްވުންތަކާއި ޖަލްސާތައް ބޭއްވުމަށް ތައްޔާރުވަމުންދާކަމަށްވެސް މަސްދަރުތަކުން ބުނެއެވެ. އޭގެ ބޭނުމަކީ ނަތީޖާއާއި މެދު މީހުންގެ ހިތުގައި ޝައްކު އުފައްދާ، ޓްރަންޕަށް ނާކާމިޔާބުބެވަޑައިގެންނެވި ބޮޑެތި ސްޓޭޓުތަކުގައި ވޯޓު އަލުން ގުނުމަށް ޕުރެޝަރުކުރުންކަމަށް ބެލެވެއެވެ. އެގޮތަށް ކަންތައްކޮށްފިނަމަ ކޯޓަކަށް މައްސަލަ ހުށަހެޅުމަށް ތައްޔާރުވުމަށް ކެންޕެއިނަށް އިތުރު ވަގުތު ލިބޭނެއެވެ.
ރިޕަބްލިކަނުންގެ މުހިންމު ޝަހުސިއްޔަތުންގެ ތެރޭގައި ހިމެނޭ ޓްރަންޕުގެ ޢާއިލީ މެންބަރުންނާއި ޤާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ކުރީގެ ރައީސް ނިއުޓު ގިންގުރިޝާއި ނޭޝަނަލް އިންޓެލިޖެންސުގެ ކުރީގެ ޑިރެކްޓަރު ރިޗާޑް ގްރެނެލްވަނީ މިޝިގަން ސްޓޭޓުގައި މަރުވެފައިވާ މީހުންގެ ނަންމަތީގައި ވޯޓުލާފައިވާކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް އެކަން ގާތުން ބެލުމުން، އެފަދަ އެއްވެސް ކަމެއް ހިނގާފައިވާކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ފެނިފައި ނުވާކަމަށް ސީއެންއެންއެންގެ ފެކްޓު ޗެކިން ޓީމުންވަނީ ބުނެފައެވެ.