ވިޔަފާރި

މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމުން ދިވެހި ސަޤާފަތް އިޝްތިހާރުކުރުމަށް ޙާއްސަ އިސްކަމެއް


މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގުރާމް މެދުވެރިކޮށް ދިވެހި ސަޤާފަތް ފަތުރުވެރިންނަށް ޕްރޮމޯޓްކުރުމަށް ޙާއްސަ އިސްކަމެއްދީފައިވާނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގުރާމަކީ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްގެން ތަފާތު އިނާޔަތްތައް ލިބޭގޮތަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ލޯންޗްކޮށްފައިވަނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅުވައިގެން ސެޕްޓެމްބަރުމަހުގެ 27 ވަނަ ދުވަހުއެވެ.

އިމިގްރޭޝަނުން ވިދާޅުވީ މި ޕްރޮގުރާމް ފަރުމާކޮށްފައިވަނީ ރާއްޖޭގައި ފާހަގަކުރާ ޙާއްސަ މުނާސަބަތުތަކާއި ދިމާކޮށް ރާއްޖެ އަންނަ ފަތުރުވެރިންނަށް އިތުރު ޕޮއިންޓް ލިބޭގޮތަށްކަމަށެވެ. މީގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރާއިރު ރާއްޖޭގެ ސަޤާފަތް ޕްރޮމޯޓްކުރުމަށްކަމަށްވެސް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ. މި ޕްރޮގުރާމްގެ ވީޑިއޯގައިވެސް އިމިގްރޭޝަނުން ބޭނުންކޮށްފައިވަނީ ދިވެހިވަންތަ ހެދުންތަކެކެވެ. އަދި ޕްރޮގުރާމްގެ 3 ކެޓަގަރީއަށްވެސް ދީފައިވަނީ ދިވެހި ވަންތަ ނަންތަކެކެވެ.

މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމް ބަހާލާފައިވަނީ 3 ކެޓަގަރީއަކަށެވެ. އެގޮތުން ބްރޮންޒް އަށް ދީފައިވާ ނަމަކީ "އައިދަ" އެވެ. ސިލްވަރ އަށް "އަންތަރަ" ކިޔާއިރު ގޯލްޑް އަށް ކިޔަނީ "އަބާރަނަ" އެވެ.

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙްމަދު ހުސައިން ވިދާޅުވީ، އަންދާޒާ ކުރާގޮތުގައި އާންމުކޮށް ރައްޖެ އަންނަ ފަތުރުވެރިއަކަށް އައިދައާއި ހިސާބަށް ދެވޭނީ 3 ނުވަތަ 4 ދަތުރުންކަމަށެވެ. އަނަންތަރައަށް ދިއުމަށް 15 ނުވަތަ 17 ދަތުރު ރާއްޖެ ކުރަންޖެހޭއިރު ބޯޑަރ މައިލްސްގެ އެންމެ މަތީ ހަރުފަތްކަމަށްވާ އަބާރަނައަށް ދިއުމަށް ގާތްގަނޑަކަށް 30 ނުވަތަ 32 ދަތުރު ފަތުރުވެރިން ރާއްޖެ އަންނަން ޖެހޭނެކަމަށް އަންދާޒާކުރައްވާކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ވިދާޅުވިއެވެ.

  • މި ޕްރޮގުރާމްގައި ޕޮއިންޓް ލިބޭ ގޮތައް ބަލާއިރު:
  • ރާއްޖޭގެ ބޯޑަރު ހުރަސްކުރާ ކޮންމެ ފަހަރަކު 50 ޕޮއިންޓް
  • ހަނީމޫން ހޭދަކުރަން 30 ޕޮއިންޓް
  • ވެޑިން އެނިވަރސަރީ ފާހަގަކުރަން 30 ޕޮއިންޓް
  • އުފަންދުވަސް ފާހަގަކުރަން 30 ޕޮއިންޓް
  • ދިވެހި ސަޤާފީ ދުވަސްތައް ފާހަގަކުރަން 10 ޕޮއިންޓް
  • ސީޒަންތަކުގައި ދަތުރުކުރާނަމަ 20 ޕޮއިންޓް
  • ރާއްޖޭގައި ހޭދަކުރާ ކޮންމެ ރެއަކަށް 5 ޕޮއިންޓް
  • މި ޕްރޮގުރާމްގައި ބައިވެރިވެފައިވާ ޓޫރިސްޓް ފެސިލިޓީތަކުން ފޯރުކޮށްދޭ ތަފާތު ޙިދުމަތްތައް ބޭނުންކުރާނަމަ 5 ޕޮއިންޓް

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ އައިދައަށް ދެވޭނީ 500 ޕޮއިންޓް ހޯދައިގެންކަމަށެވެ. އަންތަރާ އަށް ދިއުމަށް 2000 ޕޮއިންޓް ހޯދަންޖެހޭއިރު، އަބާރަނައަށް ދިއުމަށް ހޯދަންޖެހޭނީ 4000 ޕޮއިންޓެވެ.

މި ޕްރޮގްރާމަށް ޢަމަލުކުރަންފަށާނީ އަންނަ ޑިސެމްބަރުމަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. މި ޕްރޮގުރާމްގައި ބައިވެރިވުމަށް ފަތުރުވެރިން ރާއްޖޭގައި މަދުވެގެން 3 ދުވަސް މަޑުކުރަންޖެހެއެވެ. އަދި މަޑުކުރަންޖެހޭނީ ޓޫރިސްޓް ފެސިލިޓީއެއްގައެވެ.

މޯލްޑިވްސް އިމިގްރޭޝަނުން އިސްނަގައިގެން ޓޫރިޒަމް މިނިސްޓްރީއާއި ގުޅިގެން ތަޢާރަފުކުރި މި ޕްރޮގްރާމުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމް.އެމް.ޕީ.އާރް.ސީއާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލް ވަނީ ޕާޓްނަރުންގެ ގޮތުގައި ބައިވެރިވެފައެވެ.