ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތަރައްޤީއަށް ކުރިއަށްދާ މަސައްކަތްތަކަށް 1.1 ބިލިއަން ރުފިޔާ 2021ވަނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށައެޅި ބަޖެޓްގައި ހިމަނައިފިއެވެ.
ބަޖެޓް ހުށައަޅުއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް އެންމެ މުހިންމު އެއް ދާއިރާއެއްކަމަށްވާ ވައިގެ ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކުރުމަށްޓަކާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތަރައްގީގެ މަސައްކަތްތައް ބާރު ސްޕީޑެއްގައި ކުރިޔަށް ގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ އިތުރުން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާއި އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް އަޕްގްރޭޑްކުރުމުގެ މަސައްކަތްތައް ފެށުމަށްވެސް 2021ވަނަ އަހަރުގެ ބަޖެޓްގަވަނީ ކަނޑައަޅާފައެވެ.
ފިނޭންސް މިނިސްޓަރ ވިދާޅުވީ މި މަސައްކަތްތަކުގެ އިތުރުން، ގިނަ ޑޮމެސްޓިކް އެއަރޕޯޓްތަކެއް ތަރައްގީކުރުމަށް ރާވާފަވާކަމަށާ، މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާވެ، އިގުތިސާދީ ޙަރަކާތްތައް އިތުރުވެ، ވަޒީފާގެ ފުރުސަތުތައް ތަނަވަސްވެގެންދާނެކަމަށެވެ.
މިބަޖެޓްގެ އެންމެބޮޑު އަމާޒަކީ ދަތުރުފަތުރުގެ ނިޒާމް އަލުން ހިނގައިގަންނައިރު މިމަސައްކަތްތައް މުޅިންނިމި އޭގެސަބަބުން އިޤްތިސާދީ ފައިދާ ލިބި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރު ހަރުފަތަކަށް ގެންދިއުން ކަމަށްވެސް މިނިސްޓަރ އަމީރު ވަނީ ވިދާޅުިވެފައެވެ.
މިހާރުވެސް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުމަށް ބިޔަ މަޝްރޫޢެއް ކުރިޔަށްދާއިރު، އެއަރޕޯޓްގެ އައު ރަންވޭ އަންނަ އަހަރު ބޭނުންކުރަން ފަށާނެކަމަށް މޯލްޑިވްސް އެއަރޕޯޓް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ވަނީ ވިދާޅުވެފައެވެ.