އާސަންދައާއި އެހެނިހެން އިޖުތިމާޢީ ރައްކާތެރިކަމުގެ ސްކީމުތަކަށް އަންނަ އަހަރުގެ ބަޖެޓުގައި 3.7 ބިލިއަން ރުފިޔާ ކަނޑައަޅައިފިއެވެ.
ހަށިގަނޑުގެ ދުޅަހެޔޮކަމާއި ނަފްސާނީ ދުޅަހެޔޮކަން ޤާއިމުކުރުމަކީ މިސަރުކާރުގެ މުހިންމު ވަޢުދެކެވެ. މި ވަޢުދުގެ ދަށުން 2019ވަނަ އަހަރުގެ ތެރޭގައި ވަނީ ސެންޓަރ ފޯ މެންޓަލް ހެލްތުގެ ނަމުގައި ސެންޓަރެއްވެސް ހުޅުވައިފައެވެ. 2021ވަނަ އަހަރުގެ ބަޖެޓުގައިވަނީ މެންޓަލް ހެލްތު ސެންޓަރުގެ ޔުނިޓުތަކެއް އަތޮޅު ތެރޭގައި ޤާއިމު ކުރުމަށް ރާވާފައެވެ.
ކޯވިޑް-19އާ ގުޅިގެން ދިރިއުޅުމުގެ ޙާލަތު ބަދަލުވެ، އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމުގެ ދަށުން ކޮންމެހެން އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި ދިރިއުޅުން އާރާސްތު ކުރުމަށް މަގުފަހިކުރުމަށްޓަކައި 2021ވަނަ އަހަރުގެ ބަޖެޓުގައި ޖާގަދީފައިވެއެވެ.
މިހާރުވެސް އިޖުތިމާޢީ ރައްކާތެރިކަމުގެ ގޮތުގައި ދެމުންދާ އެހީތައް 2021ވަނަ އަހަރުވެސް ލިބެމުންދާނެކަމަށް ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވިއެވެ.
އެގޮތުން ތަކެތީގެ އަގު ހެޔޮކުރުމަށް ދޭ އެހީ، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދޭ އެހީ، އުމުރުން ދުވަސްވީ މީހުންނަށް ދޭ އެހީ އަދި އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެހީ، މީގެ ތެރޭފައި ހިމެނޭކަމަށް ވިދާޅުވިއެވެ. އޭގެއިތުރުން ކުށުގެވެށީގެ ޝިކާރައަކަށް ވެފައިތިބި ޒުވާނުން އަނބުރާ މުޖުތަމަޢަށް ނެރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރުމަށްވެސް އަންނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅުއްވާފައި ވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ރިހެބިލިޓޭޝަން ޚިދުމަތްދޭ މަރުކަޒަކާއި، މާލޭގައި ޑޭ ކެއަރ ސެންޓަރެއް ޤާއިމްކުރުމަށް ރޭވިފައިވޭ. ރާއްޖެއަށް މަސްތުވާތަކެތި އެތެރެވާ ދޮރުތައް ބަންދުކޮށް، މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް އަނބުރާ މުޖުތަމަޢަށް ގެނައުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރުމަށް މި ބަޖެޓުގައި ވާނީ ހިމަނާފައި. ކުޑަކުދިންގެ ޢަދުލުގެ ނިޒާމް ހަރުދަނާކުރުމަށާއި، ކުށުގެ ވެށީގައި އުޅޭ ކުޑަކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމަށް ކުޑަކުދިންގެ ރެޒިޑެންޝަލް މަރުކަޒެއް ޤާއިމްކުރުމަށް ވާނީ ހިމަނާފައި. " މިނިސްޓަރ އަމީރު ވިދާޅުވިއެވެ.
ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ބޭސްފަރުވާކުރުމަށްޓަކައި އާސަންދަ ސްކީމަށް ބަރޯސާވެފައިވާއިރު، އަންނަ އަހަރުގެ ބަޖެޓުގައި އާސަންދަ ސްކީމަށް 718 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެއެވެ. އެގޮތުން މިނިސްޓަރު އަމީރު ވިދާޅުވެފައިވަނީ ޤައުމެއްގެ ހުރިހާ ރައްޔިތުންނަށް ސިއްޙީ ޚިދުމަތް ޔަޤީން ކޮށްދެވުމަކީ ދުޅަހެޔޮ އުފެއްދުންތެރި އާބާދީއެއް ބިނާކުރުމަށް މަގުފަހިވާނެ ކަމެއްކަމުގައެވެ. އަދި އާސަންދަ ފަދަ ސްކީމެއް ހިންގާއިރު ޚަރަދު އިސްރާފުވުމަށް ފުރުސަތުތަކެއް ހުރިކަން ދެނެގަންނަން ޖެހޭ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
2021ވަނަ އަހަރު ވެގެންދާނީ ސިއްޙީ އިންޝުއަރެންސް ނިޒާމުގައި ހުރި "އިންއެފިޝެންސީ"ތައް ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެ އަހަރެއްގެ ގޮތުގައި މިނިސްޓަރ ސިފަކުރެއްވިއެވެ.