ވިޔަފާރި

ޓެކްސީއަށް ފައިސާ ދެއްކުމަށް ކޭޝްލެސް ޕޭމަންޓުގެ ޚިދުމަތް ބީއެމްއެލްއިން ތައާރަފްކޮށްފި


ނަގުދު ފައިސާ ބޭނުންނުކޮށް ޓެކްސީއަށް ފައިސާ ދެއްކޭނެ ކޭޝްލެސް ޕޭމަންޓް ޚިދުމަތެއް ބީއެމްއެލް އިން މިއަދު ތައާރަފްކޮށްފިއެވެ.

މިއީ ބޭންކުގެ ޚިދުމަތްތައް ޑިޖިޓަލްކުރުމަށާއި ނަގުދު ފައިސާ ނުގެންގުޅޭ މުޖްތަމައަކަށް ވާސިލުވުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން ތައާރަފް ކުރެވުނު ޚިދުމަތެއްކަމަށް ބީއެމްއެލްއިން ބުނެއެވެ. މި ޚިދުމަތާއެކު ޓެކްސީ ޑްރައިވަރުންނަށް މިހާރު ބީއެމްއެލް މޮބައިލްޕޭ މެދުވެރިކޮށް ކޮންޓެކްޓްލެސް ޕޭމަންޓް ބަލައިގަނެވޭނެއެވެ.

ބީއެމްއެލްއިން ބުނީ މި ޚިދުމަތުގެ އެހީގައި ކަސްޓަމަރުންނަށް ބީއެމްއެލް މޮބައިލްޕޭ މެދުވެރިކޮށް ޑްރައިވަރުގެ މޯބައިލް ފޯނުގައިވާ ނުވަތަ ޓެކްސީގައި ބަހައްޓާފައިވާ ކިޔުއާރު ކޯޑު ސްކޭންކޮށްގެން ފަސޭހަކަމާއެކު ފައިސާ ދައްކާލެވޭނެއެވެ. އަދި ޓެކްސީ ޑްރައިވަރުންނަށް ކޭޝްލެސް ޕޭމަންޓްގެ ޚިދުމަތް ފޯރުކޮށްދެވިފައިވަނީ ރައްކާތެރިކަމާއެކު ކޮންޓެކްޓްލެސް ޕޭމަންޓް ޚިދުމަތް ދިނުމަށް ބޭންކުން ބޭނުންކުރަމުންދާ އެމްޕޮސް ޚިދުމަތްތަކުގެ ތެރެއިންކަމަށް ބީއެމްއެލްއިން ބުނެއެވެ.

ކޭޝްލެސް ޕޭމަންޓުގެ ޚިދުމަތް މިއަދު ތައާރަފްކޮށްދެއްވީ މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާއެވެ. ޚިދުމަތް ތައާރަފްކޮށްދެއްވުމަށްފަހު މިނިސްޓަރ ނަހުލާ އާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔާ ވަނީ ކޮވިޑުން ރައްކާތެރިވުމަށް ބޭނުންކުރެވޭ ހޭންޑް ސެނިޓައިޒަރ އާއި ފޭސް މާސްކް ޓެކްސީ ޑްރައިވަރުންނަށް ހަދިޔާ ކުރައްވާފައެވެ. ކޭޝްލެސް ޕޭމަންޓުގެ ޚިދުމަތްދޭ ކޮންމެ ޓެކްސީއަކަށް މި ތަކެތި ހިމެނޭ ޕެކެއް ބޭންކުން ހަދިޔާ ކުރުމަށްވަނީ ހަމަޖެހިފައެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔާ ވިދާޅުވީ ފައިސާ ދެއްކުމަށް އެންމެ ފަހުގެ ޓެކްނޮލޮޖީ ރާއްޖެއަށް ފޯރުކޮށްދިނުމުގައި އިސް ދައުރެއް އަދާކުރުމަކީ ލިބޭ އުފަލެއްކަމަށެވެ. އަދި މި ވަސީލަތުގެ އެހީގައި ކަސްޓަމަރުންނަށް ރައްކާތެރިކަމާ ފަސޭހަކަމާއެކު އަވަހަށް ފައިސާ ދެއްކުމުގެ މުއާމަލާތްތައް ފުރިހަމަ ކުރުމަށް މަގުފަހިވެގެންދާނެކަމަށް ބީއެމްއެލްގެ ސީއީއޯ ވިދާޅުވިއެވެ.

ބީއެމްއެލް މޮބައިލްޕޭ އަކީ ކޮންމެތަނަކުންވެސް ތަކެތި ގަތުމަށްޓަކައި ފައިސާ ދެއްކުމަށް ބޭނުންކުރެވޭ ބޭންކުގެ ޑިޖިޓަލް ވޮލެޓް އެޕްލިކޭޝަނެވެ. މި އެޕް އެޕަލް ސްޓޯރއިންނާއި ގޫގަލް ޕްލޭ ސްޓޯރއިން ޑައުންލޯޑް ކުރެވޭނެއެވެ.

ބީއެމްއެލްއިން ބުނީ ބޭންކުން ދޫކޮށްފައިވާ ކާޑުތަކުގެ ތެރެއިން ކަސްޓަމަރުން މިހާރު ބޭނުންކުރަމުންދާ ކާޑުތަކާއި ޑިޖިޓަލް ވޮލެޓް މި އެޕުން ގުޅުވާލަދޭނެކަމަށެވެ. އެހެންކަމުން ކަސްޓަމަރުންނަށް ކާޑުގެ މައުލޫމާތު ހިއްސާ ކުރަން ނުޖެހި ފައިސާ ދެއްކޭނެ މަގުފަހިވެގެން ދިޔުމާއެކު މިއީ ރައްކާތެރިކަމާއެކު ފައިސާގެ މުއާމަލާތް ކުރެވޭނެ ގޮތެއްކަމަށް ބީއެމްއެލްއިން ބުނެއެވެ.