ޚަބަރު

ދެކުނުގެ އަތޮޅުތަކަށް ޔެލޯ އެލާރޓް ނެރެފި


ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ.

ޔެލޯ އެލާރޓް ނެރެފައިވަނީ ލާމު އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ. މި ސަރަހައްދަށް ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 10:30އިން މެންދުރު 14:30އާ ހަމައަށެވެ. މި ސަރަޙައްދުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރާނެކަމަށް ލަފާކުރެވެއެވެ. ވިލާ ގަނޑުގައި ގަޑިއަކު 45 މޭލު ބާރުމިނުގައި ވައި ޖެހޭނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާ ކޮށްފައެވެ.

ރާއްޖޭގެ މޫސުން ކުރިއަށް ލަފާ ކުރާގޮތަށް ބަލާއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަ ކުރައްވައެވެ. އަދި މެދު ރާއްޖެ ތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވެއެވެ.

ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުނޅަގުން ގަޑިއަކު 06 މޭލާއި 16 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކުރެވެއެވެ. އަދި އެހެން ހިސާބުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު 03 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާ ކުރައްވައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށް އެއިދާރާއިން ލަފާކުރައްވައެވެ.

ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި އެހެން ހިސާބުތަކަށް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް ،ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށް ލަފާކުރެވެއެވެ. އެހެންކަމުން ހުރިހާ ފަރާތްތަކަކުންވެސް ކަނޑު ދަތުރު ކުރުމުގައި ރައްކާތެރިވެ މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށްފަހު ކަނޑުދަތުރު ކުރެއްވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސް ކުރައްވައެވެ.