ކުޅިވަރު

މިއީ އެވަރޓަންއަށް އެހާ ރަނގަޅުވަގުތެއް ނޫން: އެންޗެލޯޓީ


އިނގިރޭސި ޕްރިމިއަރ ލީގުގައި އެވަންޓަންއަށް މިއީ އެހާ ރަނގަޅުވަގުތެއް ނޫންކަމަށް އެޓީމު ކޯޗު ކާލޯ އެންޗެލޯޓީ ބުނެފިއެވެ.

ލީގުގެ ފުރަތަމަ ފަސްމެޗުން މޮޅުވުމަށްފަހު އެޓީމު ވަނީ ވިދިވިދިގެން ތިންމެޗުން ބަލިވެފައެވެ. ލީގުގައި އެންމެފަހުން މެންޗެސްޓަރ ޔުނައިޓެޑު އަތުން ބަލިވި މެޗަށްފަހު ވާހަކަދައްކަމުން އެންޗެލޯޓީ ބުނީ ޓީމުގެ ފަހަތުން ހަދަމުންދާ ގޯސްތަކުން މެޗުތަކުން މޮޅުވުމަށް އުނދަގޫވެފަވާކަމަށެވެ. މި ލިބުނު ކުޑަބްރޭކުގައި އެކަމަށް މަސައްކަތްކުރާނެކަމަށާއި ބައިނަލްއަގުވާމީ މެޗުތަކަށްފަހު ލީގުގައި ފުރަތަމަ އެވަޓަންގެ ފަރާތުން ފެނުނު މޮޅުކުޅުން ފެންނާނެކަމަށް އުންމީދުކުރާ ކަމަށް އެންޗެލޯޓީ ބުންޏެވެ.

ޓީމަށް ދިމާވެފައިވާ މައްސަލައަކީ ރަނގަޅަށް ޑިފެންސްނުކުރެވުމުގެ މައްސަލަކަމަށާއި، މިކަން ހައްލުކުރެވޭނީ ޓީމުގެ ހުރިހާ ކުޅުންތެރިން އެކުގައި މަސައްކަތްކޮށްގެންކަމަށް އެންޗެލޯޓީ ބުންޏެވެ. އޭނާ ބުނީ އެންމެ ފަހު ތިން މެޗުން ރަނގަޅު ނަތީޖާއެއް ނުހޯދި ބްރޭކަށް ދާންޖެހުމުން އުނދަގޫވި ކަމަށާއި އެފަދަ ނަތީޖާތައް ދެން ތަކުރާރު ނުވާނެކަމަށް އުންމީދުކުރާކަމަށެވެ.

ލީގުގައި މިހާތަނަށް ކުޅުނު އަށްމެޗުން އެވަޓަންއަށް ލިބިފައިވަނީ 13 ޕޮއިންޓެވެ.