ޚަބަރު

ފަރަންސޭސިވިލާތުގައި މަރުވި މީހުންގެ އަދަދު 40،000އަށްވުރެ މައްޗަށް


ފަރަންސޭސިވިލާތުގައި ކޯވިޑް-19 ޖެހިގެން މަރުވި މީހުންގެ ޢަދަދު 40،000އަށްވުރެ އިތުރުވެއްޖެއެވެ.

ވިލާތުގެ ޤައުމުތަކުގެ ތެރެއިން ކޯވިޑް-19 ޖެހިގެން އެންމެ ޢަދަދެއްގެ މީހުން މިހާތަނަށް މަރުވެފައިވަނީ ފަރަންސޭސިވިލާތުގައެވެ. ރަޝިޔާއަށްފަހު ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހިފައިވާ ޤައުމުގެ ގޮތުގައި އޮތީވެސް ފަރަންސޭސިވިލާތެވެ. ޖުމްލަ 1.7 މިލިއަން މީހުންނަށް ބަލިޖެހިފައިވާ ފަރަންސޭސިވިލާތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 86،852 މީހުންނަށް ބަލިޖެހި 364 މީހުންވަނީ މަރުވެފައެވެ. އެއީ މިހާތަނަށް އެއް ދުވަސް ތެރޭގައި އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް އެ ޤައުމުގައި ބަލިޖެހުނު ޢަދަދެވެ.

ފަރަންސޭސިވިލާތުގެ ޞިއްޙަތާއިބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޤައުމުގައި މަރުވެފައިވާ 40،169 މީހުންގެ ތެރެއިން 27،660 މީހުން މަރުވެފައިވަނީ ހަސްފަތާލުގައި ފަރުވާދެމުންދަނިކޮށެވެ. ޞިއްޙަތާއިބެހޭ ވުޒާރާއިން ބުނީ ފާއިތުވި ހަތް ދުވަހުގެ ތެރޭގައި 20،009 މީހުން ހަސްފަތާލުގައި އެނދުމަތިކޮށްފައިވާކަމަށާއި 3،003 މީހުންނަށް އައިސީޔޫގައި ފަރުވާ ދީފައިވާކަމަށެވެ.

ފަރަންސޭސިވިލާތުގެ ޙާލަތު ގޯސްވަމުންދާތީ މިދިޔަ ހަފުތާގެ ތެރޭގައި އެ ޤައުމުވަނީ ބަލި ފެތުރެން ފެށިފަހުން ދެވަނަ ފަހަރަށް ފުރަބަންދުކޮށްފައެވެ.