ވިޔަފާރި

ޓޫރިސްޓް ފެސިލިޓީތަކުން ގައިޑްލައިންއަށް އަމަލުކުރޭތޯ ބެލުމަށް "މިސްޓްރީ ގެސްޓުން" ފޮނުވަނީ


ފަތުރުވެރިންނަށް ޙިދުމަތްދޭ ތަންތަނަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން 'މިސްޓްރީ ގެސްޓުން' ފޮނުވުމަށް ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން "މިސްޓްރީ ގެސްޓުން" ފޮނުވަން ނިންމީ ކޯވިޑް 19އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭ އާއި ޓޫރިޒަމް މިނިސްޓްރީއިން ކަނޑައަޅާފައިވާ ގައިޑްލައިންތަކަށް ޓޫރިސްޓް ފެސިލިޓީތަކުން ޢަމަލުކުރަމުންދޭތޯ ބެލުމަށެވެ. އެގޮތުން "މިސްޓްރީ ގެސްޓުން" ޓޫރިސްޓް ފެސިލިޓީތަކަށް ގޮސް ކުރާ ތަޖުރިބާއަށް ބިނާކޮށް އެޓޫރިސްޓް ފެސިލިޓީއެއްގައި ޤާއިމްކޮށްފައިވާ ސްޑޭންޑަޑް ޕްރޮސީޖަރއާއި ގައިޑްލައިންއަށް ޢަމަލުކުރަމުންދާ މިންވަރާއި ފެންވަރު ޓޫރިޒަމް މިނިސްޓްރީއަށް ރިޕޯޓްކުރާނެއެވެ.

މިސްޓްރީ ގެސްޓުން ޓޫރިސްޓް ފެސިލިޓީތަކަށް ބުކިންގ ހަދާނީ ޓޫރިޒަމް މިނިސްޓްރީ މެދުވެރިނުވެ ޓޫރިސްޓުން އަމިއްލައަށްކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

"މިސްޓްރީ ގެސްޓުން"ގެ ޕްރޮގްރާމުގެ އިތުރުންވެސް ޓޫރިސްޓް ފެސިލިޓީތަކުން ސްޓޭންޑަޑް ޕްރޮސީޖަރއާއި ގައިޑްލައިންއަށް ޢަމަލުކުރަމުންދާ މިންވަރު ދެނެގަތުމަށް ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ޓޫރިސްޓް ފެސިލިޓީތައް އިންސްޕެކްޓް ކުރަމުންވެސް ގެންދާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ މިއީ ރައްޔިތުންނާއި، ޓޫރިސްޓް ފެސިލިޓީތަކުގެ މުވައްޒަފުން އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބާރުއެޅުމުގެ ގޮތުންނާއި، އެޗް.ޕީ.އޭ އާއި ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ ގައިޑްލައިންތަކަށް، ޓޫރިސްޓުންނަށް ޚިދުމަތްދޭ ތަންތަނުން ޢަމަލުކުރަމުންދާ މިންވަރު ދެނެގަތުމުގެ ގޮތުން ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެއްކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން މީގެކުރިން ވަނީ ގައިޑްލައިންއާއި އެސްއޯޕީތަކަށް އަމަލުނުކުރާ ފެސިލިޓީތަކަށް ދޫކޮށްފައިވާ ހުއްދަވެސް އެންގުމަކާއި ނުލައި ބާތިލްކުރާނެކަމަށް ވިދާޅުވެފައެވެ.