ޚަބަރު

މީޑިއާ ކައުންސިލަށް 28 ފަރާތަކުން ވާދަކުރޭ، އިންތިޚާބު އަންނަމަހު 5 ގައި


މޯލްޑިވްސް މީޑިއާ ކައުންސިލުގެ އިންތިޚާބަށް 28 ފަރާތަކުން ކުރިމަތިލައިފިއެވެ.

ހޯމް މިނިސްޓްރީން ވަނީ މީޑިއާ ކައުންސިލްގެ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ލިސްޓް މިހާރު އާއްމުކޮށްފައެވެ. އަދި މީޑިއާ ކައުންސިލަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު، އަންނަމަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ. މި އިންތިޚާބުގައި ވޯޓުލެވޭނީ ރަޖިސްޓްރީކޮށްފައިވާ ނޫސްތަކަށާއި އަދި ބްރޯޑްކާސްޓަރުންގެ ތެރެއިން ކޮންމެ މީޑިއާއެއްވެސް ތަމްސީލުކުރައްވާ އެއް ފަރާތަކަށެވެ.

މިފަހަރުގެ އިންތިޚާބުގައި މޯލްޑިވްސް މީޑިއާ ކައުންސިލްގެ މީޑިއާގެ މެންބަރުކަމަށް 14 ފަރާތަކުން ވަނީ ކުރިމަތިލާފައެވެ. އަދި މީޑިއާ ކައުންސިލްގެ އާންމުންގެ މެންބަރުކަމުގެ މަގާމަށްވެސް 14 ފަރާތަކުން ކުރިމަތިލާފައިވެއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުގެ މައިނގަޑު މަސައްކަތަކީ މީޑިއާގެ މިނިވަންކަން ޤާނޫނު ތަންދޭ ގޮތުގެމަތިން ވީހާވެސް ފުޅާދާއިރާއެއްގައި އެކަށައަޅައި އާލާކޮށް ދެމެހެއްޓުމެވެ. އަދި ޒިންމާދާރު ގޮތެއްގައި ހަރަކާތްތެރިވާ މީޑިއާއެއް ޤާއިމްކޮށްދީ، ދިވެހި މުޖުތަމަޢު ޤަބޫލުކުރާ އެންމެމަތީ އަޚްލާޤީ ސުލޫކީ މިންގަނޑުތަކެއް ހިފަހައްޓާ މީޑިއާއެއް ރާއްޖޭގައި ޤާއިމުކޮށް ދެމެހެއްޓުމެވެ.

މީޑިއާ ކައުންސިލް އެކުލެވިގެންވަނީ މީޑިއާގެ އިދާރާތައް ތަމްސީލުކުރާ 8 މެންބަރުންނާއި، ޢާންމުންގެ ތެރެއިން އިންތިޚާބު ކުރެވޭ 7 މެންބަރުންނާއެކު ޖުމްލަ 15 މެންބަރުންގެ މައްޗަށެވެ. ކައުންސިލުގެ މެންބަރުން އިންތިޚާބު ކުރެވެނީ މީޑިއާގެ ކަންތައްތައް ހިންގެވުމަށް ސަރުކާރުން ހަވާލުކުރައްވާފައިވާ އިދާރާއިން އިންތިޒާމްކޮށްގެން ބާއްވާ ޖަލްސާއެއްގައި ވޯޓުދީގެންނެވެ. އެގޮތުން ކައުންސިލުގެ ފުރަތަމަ އިންތިޚާބު ބާއްވާފައިވަނީ 28 އޭޕްރީލް 2010 ގައެވެ.