ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެ ވަޑައިގެންފި


ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާ މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ޖޮއިންޓް ސެކްރެޓަރީ މަރިޔަމް މިދުފާ ނަޢީމްއެވެ. އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާ ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުޙައްމަދުގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ދެ ޤައުމުގެ ފޮރިން ސެކްރެޓަރީ އިން، އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ ޕްރޮޖެކްޓްތަކާ ބެހޭ ގޮތުންނާއި، 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އޮތް ޖޮއިންޓް ކޮމިޝަން ބައްދަލުވުމުގެ ނިންމުންތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާނެއެވެ. އަދި ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބުރިޖުގެ މަޝްރޫއަށް ޚަރަދުކުރުމަށް ކަނޑައަޅާފައިވާ ބަޖެޓުގެ ތެރެއިން 100 މިލިއަން ޑޮލަރުގެ ގްރާންޓް އެގްރީމެންޓެއްގައި ދިވެހި ސަރުކާރާއިއެކު ފޮރިން ސެކްރެޓަރީގެ މި ދަތުރުފުޅުގައި ސޮއިކުރާނެކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީން ހާމަކުރައްވާފައިވެއެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި، މިނިސްޓަރ އޮފް ފޮރިން އެފެއަރޒް، މިނިސްޓަރ އޮފް ފިނޭންސް، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މިނިސްޓަރ އޮފް ޑިފެންސް އަދި މިނިސްޓަރ އޮފް ޓޫރިޒަމް އާއި ބައްދަލުކުރައްވާނެއެވެ.

މިއީ އިންޑިއާގެ ފޮރިން ސެކްރެޓަރީގެ މަޤާމާއި އެމަނިކުފާނު 29 ޖެނުއަރީ 2020 ގައި ހަވާލުވެވަޑައިގެންނެވިފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ހަރްޝް ވަރްދާން ޝްރިންގްލާ އަކީ އިންޑިއާގެ 33 ވަނަ ފޮރިން ސެކްރެޓަރީއެވެ.