ވިޔަފާރި

އޮކްޓޯބަރުމަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު %126 އިތުރު


މިދިޔަމަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު %126 އިތުރުވެފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ޖުލައިމަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއިއެކު މިހާތަނަށް 40000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މީގެތެރެއިން 50 އިންސައްތަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ނިމިދިޔަ އޮކްޓޯބަރ މަހުގެ ތެރޭގައެވެ. އޮކްޓޯބަރުމަހުގެ ތެރޭގައި މުޅި ޖުމްލަ 21515 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިއީ 126 އިންސައްތައިގެ ކުރިއެރުމެއްކަމަށް އިމިގްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ބޯޑަރު އަލުން ހުޅުވާލިފަހުން މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އެއް ދުވަހެއްގައި ރާއްޖެ އައިސްފައިވަނީވެސް މިދިޔަ މަހުގެ ތެރޭގައެވެ. އެއީ އޮކްޓޯބަރުމަހުގެ 25 ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެއަށް 1475 ފަތުރުވެރިން އައިސްފައިވާކަމަށް އިމިގްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އޮކްޓޯބަރުމަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި 5 މާކެޓްގެ ތެރޭގައި ހިމެނެނީ ރަޝިއާ، އިނގިރޭސިވިލާތް، އެމެރިކާ، އިންޑިއާ އަދި ފްރާންސްއެވެ. ރަޝިއާއިން 5995 ފަތުރުވެރިން، އިނގިރޭސިވިލާތުން 1780 ފަތުރުވެރިން، އެމެރިކާއިން 1449 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މީގެއިތުރުން އިންޑިއާއިން 1396 ފަތުރުވެރިން އަދި ފްރާންސްއިން 1093 ފަތުރުވެރިން އައިސްފައިވެއެވެ.

އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންވެސް މިދިޔަ މަހުގެ ތެރޭގައި ވަނީ އިތުރުވެފައެވެ. އޮގަސްޓް މަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ހުރީ 218 ގައެވެ. ސެޕްޓެމްބަރުމަހު މި އަދަދު 318 ގައި ހުރުމަށްފަހު މިދިޔަ އޮކްޓޯބަރުމަހުގެ ތެރޭގައި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ 694 އަށް މައްޗަށް ޖެހިލާފައެވެ.