ކުޅިވަރު

ފަސްމެޗަށްފަހު ބާސެލޯނާއިން ލީގުގައި މޮޅެއް ހޯދައިފި


ސްޕެނިޝް ލަލީގާގައި ފަސްމެޗުން މޮޅެއް ނުހޯދި ދިޔުމަށްފަހު ބާސެލޯނާއިން ލީގުގައި މޮޅެއް ހޯދައިފިއެވެ.

އަމިއްލަދަނޑުގައި ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅުނު މެޗު ބާސެލޯނާއިން ކާމިޔާބުކުރީ 5-2 ލަނޑުންނެވެ. މެޗުގައި ބާސާގެ ލަނޑުތައް ކާމިޔާބުކޮއްދިނީ އޮސްމާނޭ ޑެންބެލޭ، އެންޓޮނީ ގްރީޒްމަން، ފެޑްރީގެ އިތުރުން ލިއޮނަލް މެސީއެވެ. މެސީ ވަނީ މެޗުގައި ދެލަނޑު ކާމިޔާބުކޮށްދީފައެވެ.

މެޗުގައި މެސީ ކުޅެން ނުކުމެފައިވަނީ ބަދަލުކުޅުންތެރިޔެއްގެ ގޮތުގައި ދެވަނަހާފްގައެވެ. މި ސީޒަންގައި އޭނާ ކާމިޔާބުކުރި ފުރަތަމަ ހަލަނޑު ކާމިޔާބުކޮށްފައިވަނީ ޕެނެލްޓީއަކުންނެވެ. މެޗުގައި އޭނާ ކާމިޔާބުކުރި ދެވަނަ ލަނޑަކީ މިސީޒަންގައި ކުޅުމުގެ ތެރެއިން އޭނާ ކާމިޔާބުކުރި ފުރަތަމަލަނޑެވެ. މެޗުގައި ބެޓިސްގެ އައިއްސާ މަންޑީ އަށްވަނީ ގަސްތުގައި ބޯޅައިގަ އަތްލުމުގެ ސަބަބުން ރަތްކާޑުދައްކާ ދަނޑުން ފޮނުވާލާފައެވެ.

ރޭ ލީގުގައި ސެވިއްޔާއާއި އޮސަސޫނާ ވާދަކުރި މެޗުން 1-0 ލަނޑުން ސެވިއްޔާއިން ކުރި ހޯދިއިރު އެތުލެޓިކޯ މެޑްރިޑުން ވަނީ ކާޑިޒް އަތުން 4-0 ލަނޑުން މޮޅުވެފައެވެ. މެޗުގައި ޖާއޯ ފެލިކްސް ވަނީ އެތުލިޓިކޯއަށް ދެލަނޑުޖަހައިދީފައެވެ. މިމެޗުން ހޯދި މޮޅާއެކު ހަތްމެޗުން 17 ޕޮއިންޓް ހޯދައިގެން އެތުލެޓިކޯ ވަނީ ތާވަލުގެ އެއްވަނައަށް ކުރިޔަށްޖެހިލާފަ. ބާސާ މޮޅުވި ނަމަވެސް އެއްވަނައިގަވާ އެތުލެޓިކޯއަށް ވުރެ ހަޕޮއިންޓް މަދުން ހޯދައިގެން ބެޓިސްގެ ފަހަތުން އެޓީމް އޮތީ ތާވަލުގެ އަށްވަނައިގައެވެ.