ކުޅިވަރު

ޑޯޓްމަންޑް ބަލިކޮށް ބަޔާން ތާވަލުގެ ކުރީގައި ދެޕޮއިންޓުގެ ލީޑެއް


ޖަރުމަނު ބުންޑަސްލީގާގައި ރޭ ބޮރޫޝިޔާ ޑޯޓްމަންޑްގެ މައްޗަށް ކުރި ހޯދާ ބަޔާންމިއުނިކުން ތާވަލުގެ ކުރީގައި ދެޕޮއިންޓް ލީޑެއްނަގައިފިއެވެ.

ޑޯޓްމަންޑުގެ ދަނޑުގައި ކުޅުނު މެޗުން ބަޔާން ކުރި ހޯދީ 3-2 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފްގެ އިތުރުވަގުތު ފުރަތަމަ މިނިޓުގައި މާކޯ ރުއެސް ލަނޑެއް ޖަހާ ލީޑު ނަގާފަވަނިކޮށް މިހާފުގެ އިތުރުވަގަތުގެ ފަހުމިނިޓުގައި ޑޭވިޑް އަލްބާ ވަނީ ބަޔާން އަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މެޗުގެ ދެވަނަހާފްގައި ރޯބާޓް ލެވޮންޑެސްކީ އާއި ލޮއިރޭ ސާނޭގެ ލަނޑުން ލީޑްނަގާ ކުރި ހޯދާފަވަނިކޮށް ޑޯޓްމަންޑަށް ނަތީޖާގެ ފަރަގު ކުޑަކޮށްދިނީ އާލިން ހާލެންޑްއެވެ. މިމެޗުގައި އިތުރު ދެލަނޑެއް ލެވޮންޑެސްކީ ކާމިޔާބުކުރި ނަމަވެސް ވީއޭއާރްއިން ވަނީ ބަލައިނުގެންފައެވެ.

ޑޯޓްމަންޑް ބަލިވުމުގެ ފައިދާ ނަގާ ލީޕްޒިގުން ވަނީ ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. ލީޕްޒިގާ ފްރެއިބާގް ވާދަކުރި މެޗު އެޓީމުން ކާމިޔާބުކުރީ 3-0 ލަނޑުންނެވެ. ރޭގައި ލީގުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު މެއިންޒް ޝާލްކޭ މެޗު އެއްވަރުވިއިރު ސްޓުޓްގާޓް އާއި ފެރެންކްފާޓް މެޗު ވެސް ވަނީ އެއްވަރުވެފައެވެ. ހާތާ ބާލިން އާއި ޔޫނިއަން ބާލިން ވަނީ އެޓީމު ކުޅުނު މެޗުތަކުން މޮޅުވެފައެވެ.

މިނަތީޖާއާއެކު ލީގުގައި އެއްވަނައިގަ ބާޔާން އޮތީ ހަތްމެޗުން 18 ޕޮއިންޓާއެކުގައެވެ. ހަތް މެޗުން މެޗުން ސޯޅަ ޕޮއިންޓު ހޯދައިގެން ލީޕްޒިގް ދެވަނައިގަ އޮތްއިރު ޑޯޓްމަންޑަށް ހަތް މެޗުން ތިންވަނަ ލިބެނީ 15 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރުވަނައިގައިވާ ޔޫނިއަން ބާލިންއަށް ލިބެނީ 12 ޕޮއިންޓެވެ.