ދުނިޔޭގެ ވިޔަފާރި

ސައުދީގައި މަސައްކަތްކުރާ ބިދޭސީންނަށް ލުއިތަކެއް ދެނީ


ސައުދީ އަރަބިއްޔާގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންނަށް މަސައްކަތްކުރުމުގައި އަންނަ އަހަރުގެ ކުރީކޮޅު ލުއިތަކެއް ދޭން ނިންމާފައިވާކަން ހާމަކޮށްފިއެވެ.

ސައުދީގައި މިހާރު ދަނީ ބިދޭސީ މަސައްކަތްތެރިން ރެގިއުލޭޓްކުރުމުގައި ހަރުކަށި އުޞޫލުތަކެއް އެކަށައަޅަމުންނެވެ.

ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް އެންޑް ސޯޝަލް ޑޮވެލޮޕްމަންޓުން ވަނީ 2021 ވަނަ އަހަރުގެ މާރޗްމަހުން ފެށިގެން ބިދޭސީ މަސައްކަތްތެރިންނަށް މަސައްކަތްކުރުމުގައި ލުއިތަކެއް ދޭން ނިންމާފައިވާކަން ހާމަކޮށްފައެވެ. އަލަށް ގެންނަ އިސްލާޙުތަކުގެ ދަށުން ބިދޭސީ މަސައްކަތްތެރިންނަށް ޑީޕޯޓްނުވެ ވަޒީފާ ބަދަލުކުރުމުގެ ހައްޤާއި، ވަޒީފާ ދޭ ފަރާތުގެ ހުއްދައަކާއި ނުލާ އަނބުރާ ޤައުމަށް ދިއުމުގެ ހައްޤު ދިނުމަށް ވަނީ ނިންމާފައެވެ. މި ބަދަލުތައް ގެންނަން ނިންމާފައިވަނީ ސައުދީގައި ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިންތަކެއް ކުޑަ މުސާރައެއްގައި މަސައްކަތްކުރުވާ ކަމަށްބުނެ މައްސަލަ ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

ސައުދީ އަރަބިއްޔާގައި ބިދޭސީ މަސައްކަތްތެރިންނަށް މަސައްކަތްކުރުމުގައި މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް އެންޑް ސޯޝަލް ޑޮވެލޮޕްމަންޓްގެ ޑެޕިއުޓީ މިނިސްޓަރ އަބްދުﷲ ބިން ނާސިރު އަތުނެއިން ވިދާޅުވީ، އަލަށް ގެންނަ ބަދަލުގެ ސަބަބުން އެ ޤައުމުގައި މަސައްކަތްކުރާ 10 މިލިއަން ބިދޭސީންނަށް އޭގެ ފައިދާކުރާނެކަމަށެވެ. ޑެޕިއުޓީ މިނިސްޓަރ ވަނީ ލޭބަރ ޤާނޫނަށް އަދިވެސް ގިނަ އިސްލާޙުތަކެއް ގެންނަންޖެހޭކަމަށް ބުނެފައެވެ. އެގޮތުން މި އިސްލާޙުތައް ގެނައުމަށް މަތީ ފަންތީގެ ގިނަ މަޝްވަރާތައް ކުރަމުންދާއިރު، އެ ޤައުމުން ބިދޭސީ މަސައްކަތްތެރިންނަށް ރައްކާތެރި މާޙައުލެއް ބިނާކުރުމުގައި ދެމިހުންނާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިފިޔަވަޅުގެ ސަބަބުން އެހެން ޤައުމުތަކުގެ އިތުބާރު ސައުދީއަށް ލިބި ޤައުމުގެ އިޤްތިޞާދު ފުޅާވުމަށް އެހީވެދޭނެކަމަށް ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެެވެ.

ސައުދީގެ މި ފިޔަވަޅާއެކު އިންސާނީ ހައްޤަށް މަސައްކަތްކުރާ ގިނަ ފަރާތްތަކަކުން ވަނީ މިކަމަށް މަރުޙަބާ ކިޔާފައެެވެ. އަދި އިތުރަށް ފާހަގަކުރެވޭ މައްސަލަތައް ހައްލުކުރުމަށް ސައުދީ ސަރުކާރާއެކު މަސައްކަތްކުރުމަށް ތައްޔާރަށް ތިބިކަން މި ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

ބިދޭސީ މަސައްކަތްތެރިންނަށް މަސައްކަތްކުރުމުގައި ލުއިތަކެއް ދޭން ނިންމާފައި މިވަނީ، 2022 ވަނަ އަަހަރު ފީފާ ވޯލްޑް ކަޕް ބާއްވާ ޤަތަރުންވެސް އެ ޤައުމުގެ ލޭބަރ ޤާނޫނަށް އިސްލާހުތަކެއް ގެންނަން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

ސައުދީ އާއި ޤަތަރުފަދަ މެދިއިރުމަތީގެ ޤައުމުތަކުގައި ބިދޭސީންގެ މައްސަލަތައް ވަނީ ވަރަށް ބޮޑުވެފައެވެ. އެގޮތުން އެއްވެސް ލިއެކިއުމެއްނެތި ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެ އިޖުތިމާޢީ ގިނަ މައްސަލަތަކާއި މި ޤައުމުތަކުން ވަނީ ކުރިމަތިލާން ޖެހިފައެެވެ.