ބައިބައިވުން އިތުރުވެފައިވާ ޤައުމެއްގެ ގޮތުގައި އޮތް އެމެރިކާގެ ހުރިހާ ރައްޔިތުން އެއްގަލަކަށް އަރުވައި އެކަތިގަނޑަކަށް ހައްދަވާނެކަމަށް އެމެރިކާގެ ރައީސްކަމަށް އަލަށް އިންތިޚާބުވެ ވަޑައިގެންފައިވާ ޖޯ ބައިޑަން ވަޢުދުވެވަޑައިގެންފިއެވެ.
ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސް ޑޮނަލްޑު ޓްރަންޕު ބަލިކުރެއްވުމަށްފަހު ޤައުމާއި މުޚާތަބުކުރައްވާ ފުރަތަމަ ދެއްވި ހިޠާބުގައި ބައިޑަން ވިދާޅުވީ އޭނާގެ ސަރުކާރު ޚިދުމަތްކުރާނީ ތަފާތުކުރުމެއްނެތި ޤައުމުގެ ހުރިހާ ރައްޔިތުންނަށްޓަކައިކަމަށެވެ.
އިންތިޚާބުގައި ރެކޯޑު ޢަދަދަކަށް ވޯޓު ލިބިވަޑައިގެންނެވި ބައިޑަންވަނީ އޭނާއަށް ލިބުނު ބޮޑު ތަރުހީބު ފާހަގަކުރައްވާ ޤައުމުގެ ރައްޔިތުން ދިން ތާޢީދަށް ޝުކުރު ޢަދާކުރައްވާފައެވެ. ބައިޑަން ވިދާޅުވީ ބައިބައިވުން ނައްތާލުމަށް އޭނާ މަސައްކަތްކުރައްވާނެކަމަށެވެ. އެގޮތުން ވަކިވަކި ސްޓޭޓުތަކީ ޑިމޮކްރަޓުންގެ ނޫ ނުވަތަ ރިޕަބްލިކަނުންގެ ރަތް ސްޓޭޓެއްގެ ގޮތުގައި ދެކިވަޑައިނުގެން މަސައްކަތްކުރައްވާނީ އެކުވެރި އެމެރިކާއެއްގެ ގޮތުގައިކަމަށް ބައިޑަން ވިދާޅުވިއެވެ.
ޤައުމުގެ ހުރިހާ ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ހޯއްދެވުމަށް މަސައްކަތް ކުރައްވާނެކަމަށް ބައިޑަން ވިދާޅުވިއެވެ. ޤައުމުގެ ރައީސްގެ ގޮތުގައި އެންމެ ފުރަތަމަ ކުރައްވާނެ އެންމެ މުހިންމު މަސައްކަތަކީ ކޯވިޑް-19ގެ ސަބަބުން އެމެރިކާއަށް ކުރިމަތިވެފައިވާ ޙާލަތުން އަރައިގަތުންކަމަށް ބައިޑަން ވިދާޅުވިއެވެ.
ބައިޑަންގެ ނައިބު ރައީސްގެ ގޮތުގައި އިންތިޚާބުވެވަޑައިގެންފައިވާ ކަމާލާ ހެރިސްވެސްވަނީ ރައްޔިތުންނާއި މުޚާތަބުކުރައްވާ ވާހަކަ ދައްކަވާފައެވެ. އެމެރިކާގެ ތާރީޚުގައި ނައިބު ރައީސްގެ މަޤާމަށް އިންތިޚާބުވެ ވަޑައިގެން ފުރަތަމަ އަންހެން ބޭފުޅާކަމުގައިވާ ހެރިސް ވިދާޅުވީ އޭނާއަކީ އެ މަޤާމަށް ހޮވިވަޑައިގަތް ފުރަތަމަ އަންހެން ބޭފުޅާ ކަމުގައި ވިޔަސް އޭނާއަކީ އެ މަޤާމަށް އަންނާނެ ފަހު އަންހެން ބޭފުޅާއަށް ނުވާނެކަމަށެވެ.
ކަޅު ނަސްލަށާއި ދެކުނު އޭޝިޔާ ސަރަޙައްދަށް ނިސްބަތްވެވަޑައިގަންނަވާ ހެރިސް ވިދާޅުވީ އިންތިޚާބުގެ ކަންކަން ވެގެންދިޔަ ގޮތުން އެމެރިކާއަކީ އެންމެންނަށްވެސް ފުރުޞަތު އޮތް ޤައުމެއްކަން ޤައުމުގެ ޒުވާނުންނަށާއި ކުޑަކުދިންނަށް ހާމަވެގެން ގޮސްފައިވާކަމަށެވެ. މި އަހަރުގެ އިންތިޚާބުގައި ވޯޓު ކަރުދާހުގައި އޮތީ ޤައުމުގެ ޑިމޮކްރަސީގެ ނަންކަމަށް ސިފަކުރައްވާ ހެރިސް ވިދާޅުވީ އެމެރިކާގެ ހުރިހާ ރައްޔިތުންނާއި ގުޅިފައިވާ ކަމެއްގައި، އަދި މުޅި ދުނިޔޭގެ ލޯތައް އެމެރިކާއަށް ހުއްޓިފައި އޮތް ދަނޑިވަޅެއްގައި ޤައުމަށް އައު ދުވަސްތަކެއް ގެނެސްދީފައިވަނީ ޤައުމުގެ ރައްޔިތުންކަމަށެވެ. ޤައުމުގައި އުންމީދާއި އެއްބައިވަންތަކަމާއި ރިވެތި އަޚުލާގާއި ސައިންސްގެ އިތުރުން ހަޤީގަތަތް ޤާއިމްކުރުމަށް ވޯޓު ދިނީތީ އޭނާވަނީ ޤައުމުގެ ރައްޔިތުންނަށް ޝުކުރު ޢަދާކުރައްވާފައެވެ.