ޚަބަރު

އެމްއެމްޕީއާރުސީ މައްސަލައިގައި އެއްވެސް ނުފޫޒެއް ނެތް، ދައުވާތައް ލަސްނުވެ ފޮނުވޭނެ: ޕީޖީ


ފަހުގެ ތާރީހުގައި ރާއްޖޭގައި ހިންގި އެންމެބޮޑު ޚިޔާނާތް ކަމުގައިވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި އެއްވެސް ނުފޫޒެއް ނެތްކަމަށާއި، އެ މައްސަލާގައި ޝާމިލުވާ ފާރާތްތަކުގެ މައްސަލަތައް ލިބޭހައި އަވަހަށް ދައުވާ ކުރަން ފޮނުވާނެކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ދިވެހި ރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާން" ޕްރޮގްރާމުގައި ޕީޖީ ޝަމީމް ވިދާޅުވީ އެމްއެމްޕީއާރުސީ މައްސަލައަކީ ވަރަށް އިސްކަންދީގެން ބަލަމުންދާ މައްސަލައެއް ކަމަށެވެ. މިގޮތުން މިމައްސަލަތަކާއި ގުޅޭގޮތުން އެސެޓް ރިކަވަރީ ކޮމިޝަނާއި، ޕީޖީ އޮފީހާއި، އޭސީސީ އާއި، ފުލުހުން ކޮންމެ ހަފްތާއަކު ވެރިންގެ ލެވެލްގައިވެސް، އަދި ތަހުޤީޤު ޓީމުތަކުންވެސް ބައްދަލުވެ މަޝްވަރާ ކުރެވެމުންދާ ކަމުގައި ވިދާޅުވިއެވެ.

ޕީޖީ ވިދާޅުވީ މިމައްސަލައިގައި މަންފާ ލިބުނު މީހުންނަކީ، ނިސްބަތުުން ގިނަ ބަޔަކަށްވާއިރު އެމީހުންގެ މައްސަލަތައް މިހާރުވެސް ތަހުގީޤު ކުރަމުންދާކަމަށެވެ. މިކަމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މިމައްސަލަ ބަލަން ފެށުން ލަސްވުންކަމަށް ޕީޖީ ފާހަގަކުރެއްވިއެވެ. އެގޮތުން މިމައްސަލަ ބަލަން ފެށިފައި ވަނީ ވެސް މިކަން ހިނގިތާ ހަތަރު ފަސް އަހަރެއް ފަހުންކަމަށާއި، މިއަދު މިފައިސާގެ ބޭނުންކޮށް އެކިއެކި މަސައްކަތްތައްވެސް ކޮށްފައިވާކަމަށެވެ. ޕީޖީ ވިދާޅުވީ މިމައްސަލައިގައި ޝާމިލުވާ މީހުންގެ ތެރޭގައި މިސަރުކާރުގެ މީހަކު ވިޔަސް ދައުވާ ކުރުމަށް ފަހެއް ނުޖެހޭނެކަމަށެވެ.

"އޭގެ މަންފާލިބުނު ވަރަށް ގިނަ މީހުން އޭގަ އެބަހިމެނޭ. އޭގަ އެބަހިމެނޭ އޭގެ ނުބައި މަޤްސަދެއްގަ ވައްކަން ކޮށްގެން ޚިޔާނާތްތެރިވެން ހޯދާފައިވާ ފައިސާކަން އެގިތިބެ އެފައިސާއިން މަންފާ ހޯދައިފާ މީހުން އެބަތިބި. މިސަރުކާރުގައިވެސް އެބަތިއްބެވި. ކުރީ ސަރުކާރުގައިވެސް އެބަތިއްބެވި. އަދި ސަރުކާރަކަށް ނިސްބަތް ނުވާ މީހުންގެވެސް އޭގެ ތެރޭގައި އެބަހިމެނޭ" ޕީޖީ ޝަމީމް ވިދާޅުވިއެވެ.

ޕީޖީ ވިދާޅުވީ ރާއްޖޭގައި ވައްކަމާއި ޚިޔާނާތަކީ މީހުން ބިރު ގަންނަ ވަރުގެ ކަމަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ. އެގޮތުން ވައްކަމުގެ މައްސަލަތަކަކީވެސް ޖިންސީ ގޯނާ އާއި، ފުރައްސާރައިގައި މައްސަލަތަކުގައި އަދަބު ލިބޭފަދައިން، އަދަބު ދެވޭނެ ކަމެއް ކަމުގައި ހައްދަވައި، ވައްކަން ކޮށްފިނަމަ އެކަމަށް ހައްގު އަދަބު ލިބޭނެކަން އެކަން ކުރާ މީހުންނަށާއި މުޅި މުޖުތަމައަށް ވިސްނުވައިދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް އަހަރުގެ ތެރޭގައި ފާއިތުވެދިޔަ 10 އަހަރުގެ ތެރޭގައި ނުކުރާވަރަށް ވައްކަމުގެ މައްސަލަތަކުގައި ދައުވާކޮށް އެމައްސަލަތައް ސާބިތު ކުރެވިގެންދާނެކަމަށް ޕީޖީ ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެ މައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުންވަނީ ވިދާޅުވެފައެވެ. ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަގާމުގައިތަކުގައި ތިބި 7 ބޭފުޅަކާއި، 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރަކަށްވެސް ޚިޔާނާތުގެ ފައިސާ ލިބިފައިވެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ހޯދުމަށް ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.