ޚަބަރު

ތަކަންދޫއަށް ބޮޑު މަހެއް ލައްގައިފި


ހއ ތަކަންދޫއަށް މިއަދު މަރުވެ ކުނިވެފައި އޮތް ބޮޑުމަހެއް ލައްގައިފިއެވެ.

މިމަސް ލައްގާފައިވަނިކޮށް ފެނުނީ މިއަދު ހެދުނު 10 ޖަހާ އެހާކަން ހާއިރު ކަމަށް އެރަށު ކައުންސިލުން ވަނީ ބުނެފައެވެ. މި މަސް ލައްގާފައިވަނީ ރަށުގެ އިރުމަތީ ފަރާތަށް ކަމަށާއި އެއީ ރަށުގެ ގާމަތީ ސަރަހައްދަށް ވެފައި އެސަރަހައްދަކީ މީހުން އެހާ ގިނައިން ގޮސް އުޅޭ ސަރަހައްދެއް ނޫން ކަމަށް ތަކަންދޫ ކައުންސިލްގެ ނައިބު ރައީސް ޢައިޝަތު ޢާޞިފާ ވަނީ ވިދާޅުވެފައެވެ.

އާޞިފާ ވިދާޅުވިގޮތުގައި ލައްގާފައިވާ ބޮޑުމަހުގައި ގާތްގަޑަކަށް ސާޅީހަކަށް ފޫޓު ހުންނާނެ އެވެ. އަދި އެމަސް ވަރަށް ބޮޑަށް ކުނިވެ ހަލާކުވެ އޮތުމުގެ ސަބަބުން ނުބައިވަސް ދުވާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އާސިފާ ވިދާޅުވީ މީގެ ކުރިންވެސް ތަކަންދޫއަށް މަރުވެފައިވާ ބޮޑުމަހެއް ލައްގާފައި ވާކަމަށާއި އެމަސް އެފަހަރު ލައްގާފައި ވަނީ ރަށުގެ އިރުމަތީ ފަރާތަށް ކަމަށެވެ.

ހއ. ތަކަންދޫއަށް ލައްގާފައި އޮއްވައި ފެނުނު ބޮޑު މަސް ނައްތާލުމުގެ މަސައްކަތް އެމްއެންޑީއެފްގެ ނޮދަން އޭރިއާގެ ސިފައިންނާއި ތަކަންދޫ ރަށު ކައުންސިލު ގުޅިގެން ކުރަމުން ދާކަަމަށް އެމްއެންޑީއެފް އިން ވަނީ ވިދާޅުވެފައެވެ.