ކުޅިވަރު

ތިނަދޫގައި، ޗެމްޕިއަން ޓީމަށް 50000 ރުފިޔާ ލިބޭ ބަށި މުބާރާތެއް


ޗެމްޕިއަން ޓީމަށް 50000 ހާސް ރުފިޔާ އަދި ދެވަނަ ޓީމަށް 20000 ހާސް ރުފިޔާ ލިބޭ ބަށި މުބާރާތެއް ގދ.ތިނަދޫގައި ފަށައިފިއެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބުދުﷲ އަހުމަދާއި، ތިނަދޫ ހަވަރު ސްޕޯރޓްސް ކްލަބް ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ. މިމުބާރާތުގައި ތިނަދޫގެ ހަ ޓީމް ވާދަކުރެއެވެ. އީދުގެ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން ކުރިއަށްގެންދާ މިމުބާރާތުގެ މަޤްޞަދަކީ ސަރުކާރުން ތިނަދުއަށް ކޮށްދެއްވަމުންގެންދަވާ އެކިއެކި ތަރައްޤީގެ މަޝްރޫޢުތަކާއިއެކު، ރަށުގައި ކުޅިވަރުގެ ރޫޙު އިތުރަށް އާލާކުރުމެވެ. މުބާރާތުގައި ރަށުގެ ހުރިހާ ރައްޔިތުންގެ އެއްބާރުލުން ލިބޭކަމަށް މުބާރާތް އިންތިޒާމްކުރާ ފަރާތުން މައުލޫމާތުދެއްވައެވެ. " ރަށުގެ އިޖުތިމާއީ ރޫހު އާލާކޮށް ދިރުވުން އަޅުގަނޑުގެ އަމާޒަކީ. ތިނަދޫގެ އިޖުތިމާއީ ހަރަކާތްތައް އިތުރުކޮށް، ބަށިފަދަ ކުޅިވަރުތައްވެސް ކުރިއެރުވުން ބޭނުމަކީ. " ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބުދުﷲ އަހުމަދު ވިދާޅުވިއެވެ. މުބާރާތުގެ ފުރަތަމަ މެޗު ލޮޓަސްއާއި ވާދަކޮށް ކާމިޔާބުކުރީ ބީސީ ހަބޭސްއެވެ. ބީސީ ހަބޭސް 29 ލަނޑު 11 ފޯލި ކުރިއެވެ. ލޮޓަސް އަށް ހެދުނީ 19 ލަނޑު 11 ފޯއްޔެވެ. މެޗުގެ ކްއީން އޮފް ދަ މެޗަކީ ބީިސީ ހަބޭސްގެ އައިމިނަތު ޒަމީލާއެވެ.ދެވަނަ މެޗު ކާމިޔާބުކުރީ ފަތްމިނި ޓީމެވެ. އެއީ
ޑީބީޓީއާއި ވާދަކޮށް ކުރި ހޯދައިގެންނެވެ. ފަތްމިނި ޓީމް 29 ލަނޑު 1 ފޯލި
ހެދިއެެވެ. ޑީބީޓީއަށް ހެދުނީ 24 ލަނޑު 1 ފޯއްޔެވެ. ކްއީން އޮފް ދަ މެޗަކީ
ފަތްމިނި ޓީމްގެ މުނިޔަތު ނުފޫޒްއެވެ.



ތިންވަނަ މެޗު 4 ފޯލީގެ ކުޑަ ތަފާތަކުން
ކާމިޔާބުކުރީ ހިތްވަރު ޓީމެވެ. އެޓީމް 27 ލަނޑު 11 ފޯލި ހެދިއެވެ. އިދިކޮޅުން
ކުޅުނު ބީސީ ހަބޭސްއިން 27 ލަނޑު 7 ފޯލި ހެދިއެވެ. ކްއީން އޮފް ދަ މެޗަކީ ހިތްވަރު
ޓީމްގެ ޝިހާމާ އަބުދުއްރަޝީދެވެ.



ހަތަރުވަނަ މެޗު އިތާއާއި ވާދަކޮށް ކާމިޔާބުކުރީ
ފަތްމިންޏެވެ. ފަތްމިނި 34 ލަނޑު 4 ފޯލި ހެދިއެވެ. އިތާމުތް ޓީމަށް ހެދުނީ 26
ލަނޑު 1 ފޯއްޔެވެ. ކްއީން އޮފް ދަ މެޗަކީ ފަތްމިނި ޓީމްގެ މުނިޔަތު ނުފޫޒްއެވެ.

ފަސްވަނަ މެޗު ކާމިޔާބުކުރީ ހިތްވަރު ޓީމެވެ. އެއީ ހޭޔަންބޯ ލޮޓަސްއާ ވާދަކޮށްވެ. ހިތްވަރު ޓީމް 31 ލަނޑު 1 ފޯލި ހެދިއެވެ. ހޭޔަންބޯ ލޮޓަސް ޓީމަށް ހެދުނީ 30 ލަނޑެވެ.



މިއީ މިމުބާރާތް ބާއްވާ ދެވަނަ އަހަރެވެ.
މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މިމަހުގެ 29 ވަނަ ދުވަހުއެވެ. މުބާރާތުގެ މެއިން ސްޕޮންސަރަކީ އަލްމުދިޝްއެވެ. މުބާރާތުގެ ނަމަކީ އަލްމުދިޝް އަބުޅޯ ބަށި ޗެލެންޖެވެ.