ވިޔަފާރި

ފަތުރުވެރިންގެ ނަންބަރުތައް 44000އިން މައްޗަށް އަރައިފި


ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިފަހުން މިހާތަނަށް 44 ހާހަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ކޮންމެ މަހަކުވެސް ފަތުރުވެރިންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

ޖުލައިމަހުގެ 15 ވަނަ ދުވަހުން މިމަހުގެ 4 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް 44365 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި މިއަހަރުގެ މިހާތަނަށް 427212 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.

ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް އެންމެ ގިނައަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ 10 ޤައުމު:
ރަޝިއާ: 9519
އިނގިރޭސިވިލާތް: 3817
ޔޫއޭއީ: 3683
އެމެރިކާ: 3484
އިންޑިއާ: 2345
ޖަރުމަނުވިލާތް: 2099
ފްރާންސް: 1773
ޔޫކްރެއިން: 1738
ސްޕެއިން: 1716
ބްރެޒިލް: 1288

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް ބައިނަލްއަޤްވާމީ 14 އެއަރލައިނަކުން ވަނީ އަލުން ރައްޖެއަށް ދަތުރުތައް ފަށާފައެވެ. މިމަހާއި އަންނަ މަހުގެ ތެރޭގައި އިތުރު 11 އެއަރލައިނަކުން ވަނީ ދަތުރުތައް ފެށުމަށް ޝެޑިއުލްކޮށްފައެވެ. އެއީ ޔޫކްރެއިން އިންޓަނޭޝަނަލް އެއަރލައިން، ނޯޑްވިންޑް، އަޒުރ އެއަރ ރަޝިއާ، އެއަރ އޭޝިއާ، އެއަރ ސީޝެލް، އަލިޓާލިއާ، އެއަރ ފްރާންސް، އަޒުރ އެއަރ ޔޫކްރެއިން، ކޮރެއަން އެއަރ، ނިއޮސް ސްޕާ، އަދި ގަލްފް އެއަރއެވެ.

ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް 127 ރިސޯޓަކާއި، 121 ސަފާރީއެއް އަދި 69 ގެސްޓްހައުސްއަކަށް ވަނީ ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދޫކޮށްފައެވެ.