ޚަބަރު

އަޚްލާޤީ މިންގަނޑާ ޚިލާފު ކޮންޓެންޓް ނުގެނެސްދިނުމަށް މީޑިއާތަކަށް އިލްތިމާސްކޮށްފި


ބައެއް މީޑިއާތަކުން ބަދު އަޚްލާޤީ ޢަމަލުތަކާއި ޖިންސީ ވާހަކަތަކާއި ޖިންސީ ޢަމަލުތަކަށް ހިތްވަރު ލިބޭފަދަ ވާހަކަތައް ގެނެސްދެމުން އަންނަކަން ފާހަގަކުރެވިފައިވާތީ އެފަދަ ކޮންޓެންޓް ނުގެނެސްދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން އިލްތިމާސްކުރައްވައިފިއެވެ.

މީޑިއާ ކައުންސިލުން ވިދާޅުވީ ރާއްޖޭގައި އިސްލާމް ދީނުގެ ހަމަތަކާއި ރާއްޖޭގެ ޤާނޫނުތަކާއި މީޑިއާ ހިންގަން އެކުލަވާލާފައިވާ އުސޫލުތަކުގެ ބޭރުން ކޮންޓެންޓް ޢާއްމުކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ. އަދި މިގޮތަށް ޢަމަލުކުރަމުންދާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެކަމަށްވެސް މީޑިއާ ކައުންސިލުން ވިދާޅުވެއެވެ.

އެކައުންސިލުން ޢާއްމުކޮށްފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ ދިވެހި މީޑިއާގެ ހަމަތަކާއި އަޙްލާޤީ މިންގަނޑުގައި ބަރަހަނާ މަންޒަރާއި ޖިންސީ ވާހަކަތަކާއި ޖިންސީ ޢަމަލުތަކަށް ހިތްވަރުދޭ ވާހަކަތަކާއި އެފަދަ ކަންކަން ސިފަކޮށްދޭ އެއްވެސް އެއްޗެއް ޝާއިޢުކުރުމުން ދުރުހެލިވާންވާނެކަމަށް ބަޔާންކޮށްފައިވާނެ ކަމަށެވެ. އަދި ޚަބަރާއި މަޢުލޫމާތު ޝާއިޢުކުރުމުގައި ޢާއްމު އިޖުތިމާޢީ މިންގަނޑުތަކަށް ނުފެތޭ ހަޑި ހުތުރު ބަސްތައް ބޭނުންކުރުމުން ދުރުހެލިވުމަށްވެސް މީޑިއާ ކައުންސިލުން ވަނީ މީޑިއާތަކަށް އިލްތިމާސްކުރައްވާފައެވެ.

މީގެއިތުރުން އަޚްލާޤީ މިންގަނޑާއި މުޖުތަމައުގެ ހަމަތަކާއި ޚިލާފު ލިޔުންތަކާއި އިންސާނީ ކަރާމާތަށް އުނިކަން ލިބޭފަދަ ލިޔުންތަކާއި ހަޤީޤަތާއި ޚިލާފު ވާހަކަތަކުގެ މައްޗަށް ބިނާކޮށް އެކި ލިޔުންތައް ޝާއިއުކުރާކަން ފާހަގަކުރެވިފައިވާއިރު އެކަމުގެ ޝަކުވާ ޢާއްމުންގެ ފަރާތުން ލިބެމުން އަންނަކަމަށްވެސް މީޑީއާ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްއަކީ ރާއްޖޭގައި ރަޖިސްޓަރކޮށްގެން ހިންގާ ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ހުރިހާ ވަޞީލަތްތަކެއް ރެގިއުލޭޓްކޮށް ބަލަހައްޓާ ބެލެނިވެރި ފަރާތެވެ.