ވިޔަފާރި

ފަތުރުވެރިންނަށް ޙިދުމަތްދޭ ތަންތަނުގެ މުވައްޒަފުންގެ ރެންޑަމް ސާމްޕަލް ނަގަން ފަށަނީ


ރިސޯޓްތަކާއި އެހެނިހެން ފަތުރުވެރިންނަށް ޙިދުމަތްދޭ ތަންތަނުގެ މުވައްޒަފުންގެ ރެންޑަމް ސާމްޕަލް ނަގަން ފަށާނެކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓަރ ވިދާޅުވެފައިވަނީ ފަތުރުވެރިކަން ކުރިއަށްގެންދިއުމުގައި އެންމެންގެ ސަލާމަތާއި ރައްކާތެރިކަން މުހިންމުކަމަށެވެ. އެހެންކަމުން ފަތުރުވެރިންނަށް ޙިދުމަތްދޭ ހުރިހާ ފެސިލިޓީތަކެއްގެ މުވައްޒަފުންގެ ރެންޑަމް ސާންޕަލް ނަގަން ފަށާނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގެ ރިސޯޓެއްގައި މުވައްޒަފަކު ކޯވިޑް19 ޖެހިގެން މަރުވެ، އެ ރިސޯޓުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި ފަތުރުވެރިން ކޯވިޑް19 އަށް ޕޮޒިޓިވް ވެފައިވަނިކޮށެވެ.

ޓޫރިޒަމް މިނިސްޓްރީން ދާދިފަހުން ވަނީ ފަތުރުވެރިންނަށް ޙިދުމަތްދިނުމުގެ ހުއްދަ ދޫކޮށްފައިވާ އެއްވެސް ތަނަކުން ގައިޑްލައިން އަދި އެސްއޯޕީއަށް އަމަލުނުކުރާނަމަ އެފަރާތަކަށް ދީފައިވާ ހުއްދަ ބާތިލްކުރާނެކަމަށްވެސް ވިދާޅުވެފައެވެ. ބައެއް ތަންތަނުން އެސްއޯޕީތަކާއި އަދި ގައިޑްލައިންތަކަށް އަމަލުނުކުރާކަން ފާހަގަވެފައިވާކަމަށާއި ގައިޑްލައިންތަކާއި އެސްއޯޕީތައް ހަދާފައިވަނީ ފަތުރުވެރިންނާއި އެތަނެއްގެ މުވައްޒަފުން އަދި މުޅި މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްކަން އެ މިނިސްޓްރީން ވަނީ ފަހަގަކޮށްފައެވެ.

ފަތުރުވެރިންނަށް ޙިދުމަތްދޭ ހުރިހާ ފެސިލިޓީއެއްވެސް މިހާރު ވަނީ ހުޅުވުމުގެ ހުއްދަ ދީފައެވެ. އެގޮތުން ރިސޯޓްތަކާއި ސަފާރީތައް ހުޅުވުމުގެ ހުއްދަ ޖުލައި 15 ވަނަ ދުވަހު ދީފައިވާއިރު ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދީފައިވަނީ އޮކްޓޯބަރ 15 ވަނަ ދުވަހުއެވެ.