ވިޔަފާރި

ހުޅުމާލޭ މިނީ މޯލުން ޖާގަ ބޭނުންފަރާތްތަކަށް ފުރުސަތު ހުޅުވާލަނީ


ހުޅުމާލޭގައި ހަދާފައިވާ މިނީމޯލުން ޖާގަ ބޭނުންވާ ވިޔަފާރި ވެރިންނަށް އަންނަ މަހު ފުރުސަތު ހުޅުވާލާނެ ކަމަށް އެޗްޑީސީން ބުނެފިއެވެ.އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ސައިމަން ވިދާޅުވީ، މިނީމޯލުން ޖާގަ ބޭނުންވާ ވިޔަފާރިތަކަށް އަންނަމަހު ފުރުސަތު ހުޅުވާލާއިރު، އަދިވެސް އެ ތަނަށް ގެންނަންޖެހޭ ކުދިކުދި ބަދަލުތައް އެބަހުރި ކަމަށެވެ. އަދި އެބަދަލުތައް ގެނެސް މޯލް އަންނަ މަހުގެތެރޭގައި ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ސައިމަން ވިދާޅުވިއެވެ.މިނީމޯލްގެ ގްރައުންޑް ފްލޯ ޚާއްސަކޮށްފައިވަނީ، ބޭންކަށް ކަމަށާއި، ދެން ހުރި ފްލޯރތައް ވިޔަފާރި ތަކަށް ދޫކުރުމަށް ހަމަޖެހިފައިވާކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ސައިމަން ވިދާޅުވީ، ގްރައުންޑް ފްލޯ ގައި ބޭންކިންގގެ ޚިދުމަތް ދޭނީ، މޮރިޝަސް ކޮމާޝިއަލް ބޭންކާއި، އިސްލާމިކް ބޭންކުން ކަމަށެވެ.ކެފޭ ރެސްޓޯރެންޓާއި  ސުޕަރ މާރކެޓް ސްޕޭސް ހިމެނޭ ގޮތަށް މިނީމޯލް ހެދުމަށް 28 މިލިއަން ރުފިޔާއަށް ޖައުސާ ހޯލްޑިން ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކޮށްފައިވަނީ، 2012 ވަނަ އަހަރުއެވެ. އަދި 2013 ވަނަ އަހަރުގެ މާރޗް މަހު މި ތަނުގެ އަމަލީ މަސައްކަތް ފަށާފައިވަނީ، 15 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. ނަމަވެސް އެމުއްދަތުގެ ތެރޭގައި މިނީމޯލްގެ މަސައްކަތް ނިމިފައެއް ނުވެއެވެ.