ކުޅިވަރު

އަންހެނުންގެ އެންމެ ބޮޑު ވޮލީމުބާރާތް ފުވައްމުލަކުގައި


ފުވައްމުލަކަކީ ވޮލީގެ ރަށެކެވެ. ޚާއްޞަކޮށް އަންހެނުންގެ ވޮލީ ފޯރިގަދަ ރަށެކެވެ. ޤައުމީ ޓީމްގައި ފުވައްލަކުގެ ކުޅުންތެރިން ގިނަ ނޫން ނަމަވެސް، ހުނަރުވެރި ކުޅުންތެރިންތަކެއް ތިބި ޤަވާއިދުން މުބާރާތްތައް ބާއްވަމުން އަންނަ ރަށެކެވެ. މުބާރާތްތައް އޮތަސް ނެތަސް ޤަވާއިދުން އެރަށުގެ ޒުވާނުން، ޚާއްޞަކޮށް އަންހެނުން ރަށުގައި ވޮލީބޯޅަ ކުޅެއެވެ. މުބާރާތްތައް ޤަވާއިދުން ބާއްވަމުން ދިއުމަކީ އޭގެ ނަތީޖާއެވެ.އަތޮޅެއްގައި، ރަށެއްގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ވޮލީބޯޅަ މުބާރާތް މިވަގުތު ކުރިއަށް އެދަނީވެސް އެރަށުގައެވެ. ފުވައްމުލަކު ދެކުނު ދާއިރާ ކަޕް 2015 ގެ ނަމުގައި ކުރިއަށްގެންދާ މުބާާރާތުގައި އެރަށުގެ 7 ޓީމް ވާދަކުރެއެވެ. ޓީމްތައް ނިސްބަތްވަނީ އަވަށްތަކަށެވެ. އަވަށު ފޯރި އިންތިހާއަށް ގަދައެވެ. އަވަށު ވާދަ ނުހަނު ބޮޑެވެ. އަވަށު ވާދަ ބޮޑުކަމުގެ ހެތްކަކީ ޓީމްތަކުގައި ތިބި މޮޅު ކުޅުންތެރިންނާއި ކޯޗުންނެވެ. ލަންކާގެ ކުޅުންތެރިންނާއި ނޭޕާލްގެ މޮޅު ކުޅުންތެރިންނެވެ. ރާއްޖޭގެ ޤައުމީ ޓީމްގެ މޮޅު ކުޅުންތެރިންނާއި، ހަވީރު އެވޯޑް އުފުލާލާފައިވާ ކުޅުންތެރިންނެވެ. ރާއްޖޭގެ އެންމެ މޮޅު ކޯޗުންނާއި، ކައިރިި ޤައުމުތަކުގެ ކޯޗުންނެވެ. މިވަރުންވެސް މުބާރާތުގެ ވާދަވެރިކަން އޮތް މިންވަރު ދައްކުވައިދެއެވެ. ލަންކާގެ 5 ކުޅުންތެރިންނާއި ނޭޕާލްގެ ދެ ކުޅުންތެރިން މުބާރާތުގައި ކުޅެއެވެ. މުބާރާތް ނިސްބަތްވާ، އަދި ކުރިއަށްގެންދާ އަވަށް ފުނާޑް ލީޑް ކުރަނީ ލަންކާގެ ޒުވާން ދެ ކުޅުންތެރިންނެވެ. ޓީމް ބައްޓަން ކުރަނީ އެންމެ ކާމިޔާބު އެއް ކޯޗު އިބްރާހީމް ރަޝީދު، ސަތޯއެވެ. މިސްކިތްމަގު ޓީމް ލީޑް ކުރާނީ ނޭޕާލްގެ ދެ ކުޅުންތެރިންނެވެ. ޓީމް ބައްޓަން ކުރާނީ ނޭޕާލްގެ ކޯޗެެކެވެ. މައުލޫމާތުލިބޭގޮތުގައި ނޭޕާލް ޤައުމީ ޓީމަށްވެސް އިރުޝާދުދީފައިވާ ކޯޗެކެވެ. މާދަޑާއި، މާލެގަމް އަދި ހޯދަޑު ޓީމްގައިވެސް ލަންކާގެ ކުޅުންތެރިއެއް ހިމެނެއެވެ.  ދޫޑިގަމް ޓީމްގައިވެސް ޕޮލިސް ކްލަބްގެ މުޙިއްމު ކުޅުންތެރިއަކު ހިމެނެއެވެ. މީގެއިތުރުން ދަނޑިމަގު ޓީމްގައި ރާއްޖޭގެ ޤައުމީ ޓީމްގެ ތިން ކުޅުންތެރިން ހިމެނެއެވެ. ކޮންމެ ޓީމަކަށްވެސް ކުޅެވެނީ ރަށުން ބޭރުގެ ދެ ކުޅުންތެރިންނަށް ވިޔަސް އެޓީމްގައި ޤައުމީ ޓީމްގެ ތިން ކުޅުންތެރިން ހިމެނެނީ އެއަވަށަށް ނިސްބަތްވާ ޤައުމީ ޓީމްގެ ފާޠިމަތު ޖޫޒާންއާއެކުގައެވެ.މުބާރާތުން ފެނިގެންދާ ޤައުމީ ޓީމްގެ ކުޅުންތެރިންގެ ތެރޭގައި ފާޠިމަތު ޒީނިޔާ، މަރިޔަމް އަޒީމާ، ފާޠިމަތު އަރީޝާ، ހައްވާ ސަހާ ހިމެނެއެވެ. މީއިތުރުން ހަވީރު އެވޯޑް ދެ އަހަރު ހޯދައި ކުރިން ޤައުމީ ޓީމްގެ އެންމެ މުޙިއްމު އެއް ކުޅުންތެރިޔާގެ ގޮތުގައި ހުރި ނާޒިމާވެސް މިމުބާރާތުގައި ކުޅެއެވެ.މުބާރާތުގެ ފޯރި ދައްކުވައިދޭ އެންމެ އަލިގަދަ ހެއްކަކީ މެޗުތައް ބަލަންދާ ސަޕޯޓަރުންގެ އަދަދާއި، ސަޕޯޓަރުންގެ ހަޅޭކުގެ އަޑެވެ. ވޮލީ ކޯޓް ޞަރަހައްދު ފުރި ބާރުވެ، ސަޕޯޓަރުންގެ ހަޅޭކުގެ އަޑު ނުކެނޑެއެވެ. އެހެންކަމުން އެންމެ ފޯރި ގަދަ އެއް މުބާރާތަކީ ހަމަ ޔަޤީނުންވެސް މިމުބާރާތެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ މަސީހު މުޙައްމަދު ނިސްބަތްވެވަޑައިގަންނަވާ ދާއިރާކަމަށްވާ ފުވައްމުލަކު ދެކުނު ދާއިރާގައި މިމުބާރާތް ރާވާ އިންތިޒާމްކުރަނީ ފުނާޑް ސްޕޯރޓްސް ކްލަބެވެ. މަޖިލީހުގެ ރައީސްއާއެކު ފުވައްމުލަކު ތަމްޘީލްކުރައްވާ ސަރުކާރަށް ނިސްބަތްވާ މަޖިލީހުގެ އެހެން މެމްބަރުންގެ އެހީތެރިކަންވެސް މުބާރާތަށް ބޮޑުކަމަށް ފުނާޑް ސްޕޯރޓްސް ކްލަބުން ފާހަގަކުރައްވައެވެ. ތަޖުރިބާކާރު ކޯޗު އިބްރާހީމް ރަޝީދު، ސަތޯ ފާހަގަކުރައްވާ ގޮތުގައި ވޮލީގައި ސަމާލުކަންދޭންވީ މިފަދަ ދިމަދިމާލަށެވެ." ޤަވާއިދުން ކޯޗު ން ފޮނުވައިގެން ޚާއްޞަ ސަމާލުކަމެއް ދޭންވީ މިފަދަ ފޯރިގަދަ ވޮލީގެ ރޫހު އޮތް ދިމަދިމާލަށް. އާ ހިޔާލުތަކާއި ވިސްނުންތައް ނެރެގެން އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ. މިއީ ރާއްޖޭގައި އަންހެނުނަށް ބޭއްވޭ އެންމެ ބޮޑު އެއް މުބާރާތް. " ސަތޯ ބުންޏެވެ.މިމުބާރާތުގެ ޗެމްޕިއަން ޓީމަކަށް ކަނޑައެޅިފައިވަނީ 30000 ހާސް ރުފިޔާއެވެ. ދެވަނަ ޓީމަށް 10000 ރުފިޔާއެވެ. މުބާރާތް ނިމޭނީ އަންނަ މަހުގެ ދެވަނަ ދުވަހުގެ ރެއެވެ.