މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު، ރުވާންޑާގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އެންޑް އިންޓަރނޭޝަނަލް ކޯޕަރޭޝަން ޑރ. ވިންސެންޓް ބިރޫޓާ މަޝްވަރާކުރައްވައިފިއެވެ.
މިމަޝްވަރާ ކުރައްވާފައިވަނީ މިނިސްޓަރ ޢަބްދުﷲ ޝާހިދު ޑރ.ވިންސެންޓް ބިރޫޓާއަށް ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުފައެވެ. ދެ ޚާރިޖީ ވަޒީރުން ވަނީ މަލްޓިލޭޓަރަލް އަދި ބައިލޭޓަރަލް ގުޅުމުގެ ތެރެއިން ދެޤައުމުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމާއި، އެކުގައި މަސައްކަތްކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ކޮވިޑް-19ގެ ސަބަބުން ދެޤައުމަށް ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުންނާއި، ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ ބެހޭ ގޮތުންވެސް ދެ ވަޒީރުން މަޝްވަރާކުރެއްވިއެވެ.
އަދި ހަމައެއާއެކު ރާއްޖެއަށް ދިމާވެފައިވާ އިޤްތިޞާދީ އަދި މާލީ ގޮންޖެހުންތަކާ ބެހޭ ގޮތުންނާއި، އިޤްތިޞާދު އަލުން އަނބުރާ ކޮޅަށް ޖެހުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާ ބެހޭ މައުލޫމާތު، ރުވާންޑާގެ ޚާރިޖީ ވަޒީރަށް މިނިސްޓަރ ޝާހިދު ވަނީ އަރުވާފައެވެ.
ރާއްޖެއިން ރުވާންޑާއާއެކު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރީ 6 ސެޕްޓެމްބަރު 2019 ވަނަ ދުވަހުއެވެ.