ތަޢުލީމު

ގަނާކުރުމާ ދެކޮޅަށް އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ: އެޑިއުކޭޝަން މިނިސްޓަރ


ގަނާކުރުމާ ދެކޮޅަށް އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓަރ މިހެން ވިދާޅުވީ، މިއަދު ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ސްކޫލް މާހައުލުގައި އަނިޔާކުރުމާއި ގަނާކުރުން ހުއްޓުވުމަށް މަސައްކަތްކުރާ ދުވަހާއި ގުޅުވައިގެން ކުރެއްވި ޓުވީޓެއްގައެވެ. އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީ ވިދާޅުވީ، ސްކޫލު މާހައުލުގައި ގަނާކުރުމާ ކުރިމަތިލާންޖެހުމުގެ ސަބަބުން އެތައް މިލިއަން ކުދިންނެއްގެ "ރައިޓް ޓު އެޑިއުކޭޝަން" ނުވަތަ ކިޔެވުމުގެ ހައްޤަށް ހުރަސް އެޅި، އެކުދިންގެ މުސްތަޤުބަލަށް އެކަމުގެ ނޭދެވޭ އަސަރުކުރާކަމަށެވެ. އެހެންކަމުން ގަނާކުރުމާ ދެކޮޅަށް އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭކަމަށް އެޑިއުކޭޝަން މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ކޮންމެ އަހަރެއްގެ ނޮވެމްބަރުމަހުގެ ފުރަތަމަ ބުރާސްފަތި ދުވަހަކީ ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ސްކޫލް މާހައުލުގައި އަނިޔާކުރުމާއި ގަނާކުރުން ހުއްޓުވާ ދުވަހުގެ ގޮތުގައި ޔުނައިޓެޑް ނޭޝަންސް އެޑިއުކޭޝަނަލް، ސައިންސް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން، ޔުނެސްކޯއިން ކަނޑައަޅާފައިވަނީ މިދިޔަ އަހަރެވެ. މިއީ މިދުވަސް ފާހަގަކުރާ ފުރަތަމަ ފަހަރެވެ. އެގޮތުން މިއަހަރުގެ މިދުވަހުގެ ޝިއާރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ސްކޫލު މާހައުލުގައި ގަނާކުރުން ހުއްޓުވުމަށް އެންމެން އެކުގައި މަސައްކަތް ކުރުމެވެ.

މިފަދަ ދުވަހެއް ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ސްކޫލް މާހައުލަކީ ކުއްޖާގެ ހެދިބޮޑުވުމުގައި މުހިއްމު ދައުރެއް އަދާކުރާ ތަނަކަށްވެފައި، ގަނާކުރުމުގެ ސަބަބުން ކުދިންނަށް ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން ކުރާ އަސަރުތަކާއި، ކުއްޖާގެ އުޅުމާއި އަޙްލާޤަށް އަންނަ ބަދަލުތަކާމެދު މިހާރަށްވުރެ ބޮޑަށް މީހުން ހޭލުންތެރިކުރުވާ، އެފަދަ ޢަމަލުތައް ހުއްޓުވުމަށް ބާރު އެޅުމެވެ. އަދި ގަނާކުރުމުގެ ސަބަބުން ނިކުންނަށް އެހެނިހެން އިޖުތިމާޢީ މައްސަލަތަކާއިމެދު ކުދިންނާއި، ބެލެނިވެރިންނާއި މުޖުތަމަޢު ހޭލުންތެރިކުރުވުމަކީވެސް މިފަދަ ދުވަހެއް ފާހަގަކުރުމުގެ އެއް ބޭނުމެވެ.

ޔުނެސްކޯއިން އާއްމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ފާއިތުވި މަހު އެކަނިވެސް ކޮންމެ ތިން ކުއްޖަކުން އެއް ކުއްޖަކު ވަނީ ސްކޫލުގައި ގަނާކުރުމުގެ ޝިކާރައަކަށް ވެފައެވެ. އަދި ހަމަ މި މިންވަރަށް ކުދިންނަށް ކޮންމެވެސް ބާވަތެއްގެ އަނިޔާއަކާއި ކުރިމަތިލާންޖެހިފައިވެއެވެ. އާއްމުކޮށް ގަނާކުރަނީ އެކުގައި ކިޔަވާ ކުދިންގެ ފަރާތުން ނުވަތަ އެއް އުމުރުފުރާގެ ކުދިންގެ ފަރާތުން ކަމަށްވިޔަސް ބައެއް ޙާލަތްތަކުގައި މުދައްރިސުން ނުވަތަ ސްކޫލުގެ އެހެން މުވައްޒަފުންގެ ފަރާތުންވެސް މިފަދަ ޢަމަލުތައް ފެންނަކަން ޔުނެސްކޯއިން ފާހަގަކުރެއެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން ކުދިން ކިޔެވުން މަތިން ފޫހިވެ، ސްކޫލަށްދާން ބިރުގަތުން ނުވަތަ ޖެހިލުންވާކަމަށާއި، އެކަމުގެ ނޭދެވޭ އަސަރު ދިގު މުއްދަތަކަށް ކުރާކަމަށްވެސް ޔުނެސްކޯއިން ބުނެފައިވެއެވެ.