ސިއްހަތު

އުދަ އާއެކު ފެތުރިދާނެ ބަލިމަޑުކަމަކަށް ރައްކާތެރިވުމަށް އެދިއްޖެ


މަދަމާއިން ފެށިގެން މިމަހުގެ ތިރީހުގެ ނިޔަލަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް އުދަ އަރާފާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ، އެކަމުގެ ސަބަބުން ފެތުރިދާނެ ސިއްޙީ ބަލިމަޑުކަމަކުން އާއްމުން ރައްކާތެރިވެ ތިބުމަށް ހެލްތް މިނިސްޓްރީން އިލްތިމާސްކުރައްވައިފިއެވެ. ހެލްތް މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އުދައަރާފާނެކަމުގެ މަޢުލޫމާތު މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލިބިފައިވުމާއެކު އެ މިނިސްޓްރީގެ ފަރާތުން ކަމާބެހޭ މުއައްސަސާތަކާއި ގުޅިގެން ރައްކާތެރިވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރައްވަމުންދާކަމަށެވެ. ސިއްޚީ ޚިދުމަތްދޭ ތަންތަނުގެ ރައްކާތެރިކަން އިތުރުކުރުމަށް އިރުޝާދު ދިނުމާއި، އެތަންތަނުގެ ތައްޔާރީ ހާލަތު ހަރުދަނާކުރުމާއި، އާއްމުންނަށް ސިއްޚީ މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރައްވަމުންދާކަން މި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ހެލްތް މިނިސްޓްރީން ބުނީ މީހުންގެ ސަލާމަތާއި ރައްކާތެރިކަމާއި، މީހުންގެ މުދަލާއި ގެދޮރު ސަލާމަތްކުރުމުގެ އިތުރުން، އުނދައެރުމުގެ ސަބަބުން ސިއްޚީގޮތުން ދިމާވެދާނެ ކަންތައްތަކުން ރައްކާތެރިވެތިބުމަކީ މުހިއްމުކަމެއްކަމަށެވެ. އެގޮތުން ކާބޯތަކެތި އަދި ފެން ރައްކާތެރި ގޮތުގައި ބޭނުންކުރުމަށް މެހި ފަދަ ތަކެއްޗަށް ނުވަދެވޭނެ ފަދަ އެއްޗެއްގައި ކާބޯތަކެތި ބަންދުކޮށްފައި ބެހެއްޓުމާއި، އަދި އެތަކެތި ރައްކާކުރުމުގައި ފެން ނުވަންނާނެ ތަނެއްގައި ބެހެއްޓުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އިލްތިމާސްކުރެއެވެ. އަދި ބޯން ބޭނުންކުރާ ފެނަކީ ސާފުތާހިރު ފެންތޯ ޔަޤީންކުރުމަށްފަހު ބޭނުންކުރުމާއި، ފާޚަނާތައް ސާފުކޮށްފައި ބެހެއްޓުމަށްވެސް އެޗް.ޕީ.އޭއިން ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން ދިގު މުއްދަތަކަށް ބޭސް ބޭނުންކުރައްވާ ފަރާތްތަކުން ބޭސް ސިޓީއާއި ބޭސްފަދަ ތަކެތި ފެން ނުވަންނާނެ ފަދަ ރައްކާތެރިތަނެއްގައި ބެހެއްޓުމާއި، އުދައެރުމުގެ ސަބަބުން ފެތުރިދާނެ ބަލިމަޑުކަމަކުން ރައްކާތެރިވުމުގެ ގޮތުން ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށްވެސް އެ އެޖެންސީއިން ވަނީ އާއްމުންނަށް އިލްތިމާސްކޮށްފައެވެ.