ޚަބަރު

ބިދޭސީ މަސައްކަތްތެރިންގެ ކަންތައްތައް ބެލެހެއްޓުން ޒަމާނާ އެއްގޮތަށް ބަދަލުކޮށް އިސްލާހުކުރަންޖެހޭ


ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ ބޭނުން ނަހަމަ ގޮތުގައި ހިފުނަ ނުދިނުމަށާއި އެމީހުންގެ ޙައްޤުތައް ހިމާޔަތް ކޮށްދިނުމަށްޓަކައި ބިދޭސީ މަސައްކަތްތެރިންގެ ކަންތައްތައް ބެލެހެއްޓުން ޒަމާނާ އެއްގޮތަށް ބަދަލުކޮށް އިސްލާހުކުރަން ޖެހިފައިވާ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛް ފައްޔާޟް އިސްމާޢިލް ވިދާޅުވެއްޖެއެވެ.

އދ.ގެ މެންބަރު ޤައުމުތަކުން އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމުގައި ކުރަމުންދާ މަސައްކަތްތަކާއި، އިންސާނީ ޙައްޤުތައް ކުރިއެރުވުމުގެ ޒިންމާ އަދާކުރަމުންދާ މިންވަރު ދެނެގަތުމަށް ބާއްވާ ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު (ޔޫ.ޕީ.އާރު)ގެ ސެޝަންގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ފައްޔާޟް ވިދާޅުވީ ބިދޭސީ މަސައްކަތްތެރިންނާއި، އިންސާނީ ވަގުފާރިއަކީ ސިޔާސަތުތައް ތަންފީޒްކުރައްވާ ފަރާތްތަކަށް މި ވޭތުވެދިޔަ ވިހި ތިރީސް އަހަރުތެރޭގައި ގިނަ ގޮންޖެހުންތައް ކުރިމަތިކުރުވާފައިވާ ކަމެއް ކަމަށެވެ. އަދި މިސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު މިކަންކަމުގެ އަސްލު ދެނެގަނެ މިކަންތައްތަކަށް ދާއިމީ ހައްލެއް ހޯދުމަށް ޚާއްސަ އަހަމިއްޔަތު ކަމެއް ދީފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެގޮތުން ބިދޭސީ މަސައްކަތްތެރިންނާ ގުޅޭގޮތުން 2019 ވަނަ އަހަރު ޤައުމީ ޓާސްކްފޯސްއެއް އެކުލަވާލެވި ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ހުރިހާ ކަމަކަށް ސިޔާސަތުތަކެއް އެކުލަވާލަން ފަށާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރ ވިދާޅުވިއެވެ. އަދި ލިޔެކިއުންނެތި ޤަވާޢިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ ބިދޭސީން ނިޒާމްގެ ތެރެއިން ޤަވާޢިދާ އެއްގޮތަށް މަސައްކަތްކުރުމުގެ ފުރުޞަތު ހުޅުވާލުމުގެ ގޮތުން ބިދޭސީން ރަޖިސްޓްރީ ކުރުމުގެ ޕްރޮގްރާމެއް ހިންގާފައިވާކަން މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މިޕްރޮގްރާމުގެ ދަށުން ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 40،000 ބިދޭސީން ރަޖިސްޓްރިވެފައިވެއެވެ.

މީގެ އިތުރުން ބިދޭސީ މަސައްކަތު މީހުންނަށް ދޫކުރާ މަސައްކަތް ކުރުމުގެ ހުއްދަ ދިނުމުގެ ކަންތައްތައް އިސްލާހް ކުރުމަށް ގިނަ މަސައްކަތްތަކެއް އިކޮނޮމިކް މިނިސްޓްރީން ކުރައްވާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ބިދޭސީ މަސައްކަތްތެރިންގެ އުސޫލުވެސް މިއަހަރުގެ އޮގަސްޓްމަހު އިސްލާހްކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިގެނެވުނު އިސްލާހްތަކުގެ ސަބަބުން ބިދޭސީ މަސައްކަތު މީހާއާއި އޭނާ ގެންނަ ފަރާތުން ނަގަންޖެހޭ ޒިންމާތައް ވަރަށް ރަނގަޅަށް ބަޔާން ކުރެވިފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި މަސައްކަތްތެރިންގެ ވެލްފެއަރ ރަނގަޅުކުރުމަށްޓަކައިވެސް ބޮޑެތި އިސްލާހްތަކެއް ވަޒީފާއާބެހޭ ޤާނޫނަށް ގެނެވިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ޕްރޮޓެކްޝަން އޮފް ދަ ރައިޓްސް އޮފް އޯލް މައިގްރަންޓް ވޯކަރސް އެންޑް މެމްބަރސް އޮފް ދެއަރ ފެމިލީސްއާ ބެހޭ ބައިނަލް އަޤްވާމީ މުއާހަދާ ތަސްދީގު ކުރުމުގައި ރާއްޖެއަށް މިވަގުތު ގޮންޖެހުންތައް ކުރިމަތި ވެފައިވީނަމަވެސް ރާއްޖޭގެ ޤާނޫނީ އޮނިގަނޑު ރޭވިފައިވާ ގޮތުން އެފަރާތްތަކަށް ބޭނުންވާ ވަރަށް ހިމާޔަތްލިބިގެންވާނެ ކަމުގެ ޔަޤީންކަން ބައިނަލްއަޤްވާމީ މުޖްތަމަޢަށް ދެއްވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ކޯވިޑް-19އިގެ ސަބަބުން ޤައުމަށް ކުރިމަތިވެފައިވާ ދަތިތަކަށްވެސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ޤަވާޢިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން އަމިއްލަ އެދިގެން ޤައުމަށް ދާން ބޭނުންވި ފަރާތްތަކަށް އަމާޒުކޮށް ހިންގި ޕްރޮގްރާމްގެ ދަށުްނ 7200 ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލާފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. ހަމައެއާއެކު ޤަވާއިދާ ޚިލާފަށް އޮޅުވާލައިގެން މީހުން ރެކްރޫޓް ކުރުމުގެ ވިޔަފާރިކުރާ ފަރާތްތަކާއި އިންސާނީ ވަގުފާރިއަށް މަގުފަހިވާ ގޮތަށް މަސައްކަތްކުރާ އެޖެންސީތައް ދެނެގަތުމަށްޓަކައި ފޮރިން ލޭބަރ ކޯޓާއަށް އެދޭ ފަރާތްތައް ބެލުމުގައި ހަރުކަށި އުސޫލްތަކެއް ޤާއިމްކޮށްފައިވާކަންވެސް މިނިސްޓަރ ފާހަަގަކުރެއްވިއެވެ.

ރާއްޖެއަށް މަސައްކަތް ކުރަން އަންނަ ބިދޭސީންނަށް ރާއްޖެއަކީ ރައްކާތެރި މާހައުލެއްކަން ޔަޤީންކޮށްދިނުމަށްޓަކައި ސަރުކާރުން ވަރަށްބޮޑު އިސްކަމެއްދީގެން މަސައްކަތް ކުރައްވާފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އަދިވެސް މިރޮނގުން ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށެވެ. އެގޮތުން ޤަވާއިދާ ޚިލާފަށް ބިދޭސީން އެތެރެކުރާ އަދި އިންސާނީ ވަގުފާރިއަށް ވާގިވެރިވާ ފަރާތްތައް ހުއްޓުވުމަށް ހަރުކަށި ސިޔާސަތުތަކެއް އެކުލަވާލައްވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ ރާއްޖެއިން ޤައުމީ މައިގްރޭޝަން ސިޔާސަތު އެކުލަވާލުމުގެ މަސައްކަތް ބައިނަލްއަޤްވާމީ މުޖްތަމަޢުގެ އެހީތެރިކަމާއެކު މިހާރު ކުރަމުންދާކަންވެސް ފާހަގަކުރައްވާފައެވެ. އަދި ޕްރިވެންޓް އެންޑް ކޮމްބެޓް ދަ ސްމަގްލިންގ އޮފް މައިގްރަންޓްސްއާ ބެހޭ ޤާނޫން މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅު ނިންމަވާލައްވަމުން މިކަންކަން ރަނގަޅު ކުރެވެންދެން މިސަރުކާރުން އިސްލާހްތައް ގެންނަވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެތައް އަހަރުތަކެއް ވަންދެން އަޅާނުލާ ދޫކޮށްލާފައި އޮތުމުގެ ސަބަބުން ބޮއްސުން ލާފައިވާ މިކަންތައްތައް އިސްލާހް ކުރުމަކީ އެއްރެއަކުން ކުރެވޭނެ ކަމެއް ނޫން ކަމަށާއި، ނަމަވެސް މިސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ކުޑަވެސް ހުއްޓުމެއް ނާންނާނެ ކަމުގެ ޔަޤީންކަން ބައިނަލްއަޤްވާމީ މުޖްތަމަޢަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ދެއްވިއެވެ.

ޝާކިރާ ޢަލި މަނިކު

ޢަހަރެން މިއުޅެނީ ރެގިއުލަރައިޒޭޝަން ވިއުގަޔަށް ގެންގުޅޭ ބަންގާޅު މީހާ އެޕްލައިކޮށްގެން ޕެންޑިންގ އެޕްރޫވަލް ގައި އިންނަތާ 9 މަސް މިވީ. ޢަދި ވެސް ގުޑާނުލާ. މިއީ ކިހިނެތްވާ ކަމެއްތޯ ގަލޮޅު ދަނޑަށް ގޮސް ބެލިއިރު އިނގުނީ އެންސީއައިޓީ އިން ޑޭޓާތަކެއް ނަގާނުދީގެންނާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ވެރިންނަށް މިސިންގ ކެޓަގަރީގައި ހިމެނޭ ބިދޭސީންނަށް ހަދާނެ ވަކި ގޮތެއްގެ ޑިޝިޝަން ނުނެގިގެން ލަސްވާކަމަށް. މަނިކުފާނަށް މިކަން އެނގިލައްވާތޯ.