ޗައިނާގެ ވިޔަފާރި ރަނގަޅުވެ މަޝްހޫރު ކާރު އުފައްދާ ކުންފުނި، ބީއެމްޑަބްލިޔުގެ 3 ވަނަ ކުއާޓާގެ ފައިދާ އިތުރު ވެއްޖެއެވެ.
ބީއެމްޑަބްލިޔުގެ ވިޔަފާރި ރަނގަޅުވާން ފަށާފައިމިވަނީ، ކޯވިޑަށްފަހު ކާރު އުފެއްދުމުގެ ވިޔަފާރި އަލުން ފަށާ، ކުންފުނިތަކުގެ ފައިދާ އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.
ބީއެމްޑަބްލިޔުގެ 3 ވަނަ ކުއާޓާރގެ ފައިދާގެ ތަފްސީލް ހިއްސާކޮށްފައިވާއިރު، އެ ކުންފުންޏަށް މި ކުއާޓާގައި ލިބުނު ފައިދާވަނީ އޭގެ ކުރީ ކުއާޓައާއި އަޅާބަލާއިރު 9.6 އިންސައްތަ އިތުރުވެފައެެވެ. އެގޮތުން މި ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި 2.87 ބިލިއަން ޑޮލަރު ވަނީ ލިބިފައެވެ. ކޯވިޑްގެ ސަބަބުން ބޯޑަރުތައް ބަންދުކޮށް ދަތުރުފަތުރުތައް ހުއްޓާލާފައި އޮތުމަށްފަހު އަލުން ހުޅުވާލާފައިވުމުން މިކަމުގެ ފައިދާވެސް ބީއެމްޑަބްލިޔުއަށް ވަނީ ލިބިފައެވެ. އެގޮތުން މިދިޔަ ކުއާޓާގައި އެ ކުންފުނިން ކާރުތައް ޑެލިވަރކުރި ނިސްބަތްވަނީ 8.6 އިންސައްތަ ކުރިއަރާފައެވެ.
މި ކުއާޓާގެ ތެރޭގައި ޒަމާނީ ބްރޭންޑެޑް ކާރަށް އޮތް ޑިމާންޑް ބޮޑުވެފައިވާކަން ބީއެމްޑަބްލިޔުއިން ވަނީ ހާމަކޮށްފައެވެ. އެގޮތުން މިފަދަ ކާރުތަކަށް އޮތް ޑިމާންޑް 15 އިންސައްތަ އިތުރުވެ ޑެލިވަރ ކުރެވުނު އަދަދު ވަނީ 9.8 އިންސައްތަ އިތުރުވެފައެވެ.
ބީއެމްޑަބްލިޔުއިން ވަނީ ވަކިވަކި ޤައުމުތަކުގައި އެ ކުންފުނީގެ ވިޔަފާރިއަށް އައި ބަދަލުގެ ތަފްސީލުވެސް ހިއްސާކުރައްވާފައެވެ. އެގޮތުން ތިން ވަނަ ކުއާޓާގައި ބީއެމްޑަބްލިޔުގެ ވިޔަފާރި އެންމެ ބޮޑަށް ރަނގަޅުވެފައިވަނީ ޗައިނާގައެވެ. އެގޮތުން ޗައިނާގައި ބީއެމްޑަބްލިޔުގެ ވިޔަފާރި 31 އިންސައްތަ ކުރިއަރާފައިވާއިރު، މި ކުރިއެރުމުގެ ސަބަބުން އެމެރިކާގައި ބީއެމްޑަބްލިޔުގެ ވިޔަފާރި 15.7 އިންސައްތަ އަޑިއަޅާލި އަޑިއަޅާލުން ވަނީ ފޫބެދިފައެވެ. އެމެރިކާގައި ބީއެމްޑަބްލިޔުގެ ވިޔަފާރި ދަށްވެފައިވަނީ މިހާތަނަށް އައިރުވެސް އެ ޤައުުމުގައި ކޯވިޑްގެ ބަލިމަޑުކަން ކޮންޓްރޯލްނުވެ ފެތުރެމުން ދިއުމުން އާންމުން ބޭރަށް ނުކުމެ އުޅުމަށް ފަސްޖެހުމުންނެވެ.
ބީއެމްޑަބްލިޔުއިން ވަނީ ކުންފުނީގެ ވިޔަފާރި ރަނގަޅުކުރުމަށްޓަކައި ޕްރޮމޯޝަނަލް ހަރަކާތްތަކެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ. އެގޮތުން އޮންލައިން ޕްރޮމޯޝަންއަށް ޚާއްސަ ކެމްޕޭނެއް ފެށުމަށް ހަމަޖެހިފައިވާއިރު، ވިޔަފާރިއަށް ލިބުނު ގެއްލުމުން އަރައިގަތުމަށް ކުންފުނީގެ ސިޔާސަތައް ގެންނަންޖެހޭ ބަދަލުތައްވެސް ގެންނަމުންދާކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ބީއެމްޑަބްލިޔުއިން އައު މާކެޓްތައް ހޯދުމަށް ދަނީ މަސައްކަތްކުރަމުންނެވެ.