ޚަބަރު

އދ.ގެ ޔުނިވަރސަލް ޕީރިއޮޑިކް ރިވިއުގައި ބަންޑާރަ ނައިބާއި ކަމާބެހޭ ވަޒީރުން ބައިވެރިވަނީ


އދ.ގެ މެންބަރު ޤައުމުތަކުން އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމުގައި ކުރަމުންދާ މަސައްކަތްތަކާއި، އިންސާނީ ޙައްޤުތައް ކުރިއެރުވުމުގެ ޒިންމާ އަދާކުރަމުންދާ މިންވަރު ދެނެގަތުމަށް ބާއްވާ ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު (ޔޫ.ޕީ.އާރު)ގެ ސެޝަންގައި ރާއްޖޭގެ ފަރާތުން ހަތަރު ވަޒީރަކު މިއަދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

އެޓަރނީ ޖެނަރަލްގެ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގެ ރިވިއު ސެޝަން ރާއްޖެގަޑިން މިއަދު އިރުއޮއްސި 6:30ގައި، ޖެނީވާގައި ހުންނަ އދ.ގެ އޮފީހުގައި ކުރިއަށްގެންދާނެ ކަމަށެވެ.

އޮންލައިންކޮށް ބާއްވާ ސެޝަންގައި ދިވެހިރާއްޖެ ތަމްސީލުކުރައްވާނީ، ދިވެހިރާއްޖޭގެ ވަފުދުގެ ހެޑް އޮފް ޑެލެގަޝޭންގެ ގޮތުގައި އެޓަރނީ ޖެނެރަލް އަލްއުސްތާޛު އިބްރާހީމް ރިފްޢަތާއި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޢާއިޝަތު މުޙައްމަދު ދީދީއާއި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟު އިސްމާޢީލާއި މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲއެވެ.

ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ.އާސިމް އަޙްމަދާއި ދިވެހިރާއްޖެއިން އދ.އަށް ކަނޑައަޅާފައިވާ ދާއިމީ މިޝަންގެ ޖެނީވާ އޮފީހުގެ އޮފިޝަލުން އދ.ގެ އޮފީހަށް ވަޑައިގެން ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރާއްޖޭގެ ރިވިއު ސެޝަންގައި، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމުގައި ދިވެހިރާއްޖޭން ހާސިލްކޮށްފައިވާ ކާމިޔާބީ އާއި، މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާއި، ސަރުކާރުގެ ސިޔާސަތުތައް ބަޔާންކުރުމަށްޓަކައި، މައިގަނޑު ހަތަރު ދާއިރާއަކުން އިންޓަރވެންޝަންތައް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ޢަދުލު އިންސާފާއި، މުޖުތަމަޢުގެ ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ޤާނޫނު ތަންފީޛުކުރާ އިދާރާތައް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކާއި، ޚިޔާލުފާޅުކުރުމާއި ޖަމްޢިއްޔާ ޖަމާޢަތްތައް ހެދުމުގެ މިނިވަންކަމާއި، ބިދޭސީ މަސައްކަތްތެރިންނާގުޅޭގޮތުން މިނިސްޓަރުން އިންޓަރވެންޝަން ހުށަހަޅުއްވާނެއެވެ.

މިއަދުގެ ސެޝަންގައި، ދިވެހިރާއްޖޭން 3 ފެބުރުވަރީ 2020 ގައި ހުށަހަޅާފައިވާ ނޭޝަނަލް ރިޕޯޓުގައި ހިމަނާފައިވާ މަޢުލޫމާތާއި، މަދަނީ ޖަމާޢަތްތަކާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އިން ހުށަހަޅާފައިވާ ސްޓޭކްހޯލްޑަރ ރިޕޯޓުތަކާއި، އދ.ގެ އެކި ފަރާތްތަކުން ދިވެހިރާއްޖެއާގުޅޭގޮތުން ހުށަހަޅާފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ދިވެހިރާއްޖެއާގުޅޭގޮތުން ޤައުމުތަކަށް ރިކޮމެންޑޭޝަން ހުށަހެޅުމަށް ފުރުޞަތު ލިބިގެންދާނެއެވެ. އެގޮތުން، ދިވެހިރާއްޖެއަށް ރިކޮމެންޑޭޝަން ހުށަހެޅުމަށް 97 ޤައުމަކުން އެދިފައިވާކަން ކަމަށް އެޓަރނީ ޖެނަރަލްގެ އޮފީހުން ވިދާޅުވިއެވެ.