އެއްފަސްކުރުމުގެ ސިޔާސަތުގެދަށުން 2011 ވަނަ އަހަރު ނޮޅިވަރަންފަރަށް ބަދަލުކުރި އާއިލާތަކުގެ ތެރެއިން، ބޯހިޔާވަހިކަން ހަމަނުޖެހި ތިބި އާއިލާތަކަށް، އަންނަ މަހު ގެ ހަވާލުކުރާނެކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ބަޖެޓުގައި ނުހިމަނާ މަޝްރޫޢުތަކެއް ކުރިއަށްގެންދާކަމަށްބުނެ ސުވާލުކުރުމަށް ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމް މިއަދު ވަނީ މަޖިލީހަށް ހާޒިރުކޮށްފައެވެ.
ސުވާލުކުރުމަށް ފަހު ދެއްވި އިތުރު ފުރުސަތުގައި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު އަބްދުއްﷲވަނީ، ނޮޅިވަރަންފަރަށް ބަދަލުކުރި މީހުންނަށް އެރަށުގައި އަޅާ 60ގެ އާއި، އަދި އިތުރަށް ކުރިއަށްގެންދާ 100ހައުސިންގ ޔުނިޓްގެ މަސައްކަތް ނުނިމި ލަސްވަމުންދާތީ އެކަމާއި ގުޅޭ ގޮތުން މިނިސްޓަރާއި ސުވާލު ކުރައްވާފައެވެ.
ހދ.މާވައިދޫ، ހދ.ފަރިދޫ އަދި ހދ.ކުނބުރުދޫ މީހުން ނޮޅިވަރަންފަރަށް ބަދަލުކޮށްފައި ވަނީ 2011ވަނަ އަހަރުއެވެ. ނަމަވެސް އޭގެތެރޭގައި ބޯހިޔާވަހިކަން ހަމަނުޖެހޭ 52 އާއިލާ އަދިވެސް އެރަށުގައި އެބަތިއްބެވެ.
ނޮޅިވަރަމް ދާއިރާގެ މެންބަރުގެ ސުވާލަށް ޖަވާބުދެއްވަމުން ހައުސިންގ މިނިސްޓަރ ވިދާޅުވީ، އެރަށުގައި އަޅަމުންދާ 160ހައުސިންގ ޔުނިޓްގެ ތެރެއިން، ބަދަލުކުރި ރަށްތަކުގެ އާއިލާތަކަށް ޚާއްސަކޮށްފައިވާ 52ގޭގެ މަސައްކަތް ނިމުމަކާއި ގާތްވެފައި ވާކަމަށެވެ. އަދި މި ގެތަށް އާއިލާތަކާއި އަންނަ މަހު ހަވާލުކުރާނެ ކަމަށެވެ. މި ގެތަށް ހަވާލުކުރަނީ އިމާރާތުގެ މަސައްކަތްތައް ނިންމުމަށްފަހުއެވެ.
"ފަރިދޫ، ކުނބުރުދޫ އަދި މާވައިދޫން ބަދަލުކުރި 52 އާއިލާ ބޯހިޔާވަހިކަން ނުލިބި އެބަތިބި. މި އާއިލާތަކާއި އަންނަ މަހުގެ ކުރީކޮޅު ގެތަށް ހަވާލުކުރެވޭނެ." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
މީގެއިތުރަށް ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް އިތުރު 100 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތްވެސް އެރަށުގައި ކުރިއަށްދެއެވެ. މިނިސްޓަރ އަސްލަމް ވިދާޅުވީ އެރަށުގައި ހުއްޓިފައިވާ 100ހައުސިންގ ޔުނިޓްގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމާފައި ވާކަމަށެވެ. އަދި އެކަމުގެ ބީލަމުގެ މަސައްކަތްތައްވެސް ކުރިއަށްދާކަމަށެވެ.
"ހުއްޓިފައިވާ 100ގޭގެ މަސައްކަތް 2021ވަނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް ހުށައަޅާފައި ވަނީ. މިކަމުގެ ޢަމަލީ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހިމަނަށް ބީލަމުގެ މަސައްކަތްދަނީ ކުރަމުން." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
ނޮޅިވަރަންފަރަށް ދިރިއުޅުން ބަދަލުކުރި އާއިލާތަކުގެ ތެރެއިން ބޯހިޔާވަހިކަން ސަރުކާރުން ހަމަޖައްސައިދީފައި ނުވާ އާއިލަތައް މިހާތަނަށް ދިރިއުޅެމުން އައިސްފައިވަނީ އެމީހުން އަމިއްލައަށް ހަމަޖައްސާފައިވާ ތަންތަނުގައެވެ. ބޯހިޔާވަހިކަން ފޯރުކޮށްނުދީ ހޭދަވި މުއްދަތަށް، އެ އާއިލާތަކަށް ބަދަލު ފައިސާ ދިނުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.