ދުނިޔެ

އެމެރިކާގެ އިންތިޚާބު: މުހިންމު ސްޓޭޓުތަކުގައި ވާދަވެރިކަން ބޮޑު


އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އެންމެ މުހިންމު އެއް ސްޓޭޓުކަމުގައިވާ ފުލޮރިޑާގައި ކުރީގައި އުޅުއްވަނީ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަންޕުކަމަށް ނަތީޖާއިން ދައްކައިފިއެވެ.

މިހާތަނަށް ޓްރަންޕުވަނީ ކޮންސަވޭޓިވް ސްޓޭޓުތައް ކަމުގައިވާ އަލަބާމާ، އިންޑިއާނާ، ކެންޓަކީ އަދި ޓެނެސޭގައި ކުރި ހޯއްދަވާފައެވެ. މެސަސޫސެޓްސް، ވާމޮންޓާއި ނިއު ޔޯކާއި ކަނެކްޓިކަޓު ކާމިޔާބުކުރައްވާނެކަމަށް ބެލެވެނީ ބައިޑަނެވެ. މިހާތަނަށް ބައިޑަންވަނީ 209 އިލެކްޓޯރަލް ވޯޓު ޔަޤީންކުރައްވާފައެވެ. ރައީސް ޓްރަންޕަށް ޔަޤީންވެފައިވަނީ 136 ވޯޓެވެ.

ފްލިރޮޑާ ސްޓޭޓުގެ ވޯޓުގެ 93 އިންސައްތަވަނީ މިހާރު ގުނާ ނިމިފައެވެ. އެ ވޯޓުތަކުގެ ނަތީޖާއަށް ބަލާއިރު 51.2 އިންސައްތަ ވޯޓު ކާމިޔާބުކުރައްވާފައިވަނީ ރައީސް ޓްރަންޕެވެ. ބައިޑަނަށް ލިބިވަޑައިގެންފައިވަނީ 47.8 އިންސައްތަ ވޯޓެވެ. ކޮންމެ ސްޓޭޓެއްގެ އާބާދީއަށް ބަލައި ކަނޑައަޅާފައިވާ އިލެކްޓަރުންގެ ގޮތުގައި ފުލޮރިޑާއަށް 29 ގޮނޑި ލިބެއެވެ. އެހެންކަމުން ފުލޮރިޑާގައި ކުރި ހޯއްދެވުމަކީ އިލެކްޓޯރަލް ކޮލެޖު ވޯޓުގެ 270 ވޯޓު ހަމަކުރެއްވުމަށް ރައީސް ޓްރަންޕު ކުރައްވާ މަސައްކަތަށް ވަރަށް މުހިންމު ސްޓޭޓެކެވެ.

ނަމަވެސް ފުލޮރިޑާ ނުހިމަނާ އިންތިޚާބުގެ ނަތީޖާއަށް އެންމެ ބޮޑު އަސަރެއް ކުރާ 12 'ބެޓުލްގުރައުންޑު' ސްޓޭޓުގެ ތެރެއިން ގިނަ ސްޓޭޓުތަކުގެ ނަތީޖާ މިހާތަނަށް ޔަޤީންވެފައެއް ނުވެއެވެ. ދެ ބޭފުޅުންވެސް އެ ސްޓޭޓުތަކުގައި ވާދަކުރައްވަނީ ވަރަށް ގާތްގާތުންނެވެ. އެ ސްޓޭޓުތަކަކީ އެރިޒޯނާ، އައޯވާ، އޯހައިއޯ، ނޯތު ކެރޮލިނާ، ޖޯޖާ، ނެވާޑާ، ޓެކްސަސް، މިނެސޮޓާ، ވިސްކޮންސިން، މިޝިގަން، ޕެންސިލްވޭނިއާ އަދި ނިއު ހެމްޝްފަޔާއެވެ.

ބައިޑަނަށް ފުލޮރިޑާ ކާމިޔާބު ނުކުރެވުނު ނަމަވެސް 270 އިލެކްޓޯރަލް ވޯޓު ހަމަކުރެއްވުމަށް ގިނަ މަގުތަކެއް އަދިވެސް އެބަހުއްޓެވެ. ނޯތު ކެރޮލިނާގައި މިހާތަނަށް 86 އިންސައްތަ ވޯޓު ގުނާފައިވާ އިރު އެ ސްޓޭޓުގައި ދެ ބޭފުޅުންނަށްވެސް މިހާތަނަށް ވޯޓު ލިބިފައިވަނީ އެއްވަރަކަށެވެ.

އޯހައިއޯގައި ވެސް މިވަގުތު ކުރީގައި އުޅުއްވަނީ ޓްރަންޕެވެ. އެ ސްޓޭޓުގެ 69 އިންސައްތަ ވޯޓު ގުނާފައިވާއިރު ޓްރަންޕަށް ލިބިވަޑައިގެންފައިވަނީ ވޯޓުގެ 50.5 އިންސައްތައެވެ.

ޓެކްސަސްގެ 72 އިންސައްތަ ވޯޓު ގުނާފައިވާއިރު އެ ސްޓޭޓުގައި ކުޑަ ފަރަގަކުން ކުރީގައި އުޅުއްވަނީ ބައިޑަނެކެވެ. އެހެންކަމުން ވޯޓުގެ ނަތީޖާ ކޮންމެ ގޮތަކަށް ބަދަލުވުމުގެ ފުރުޞަތު އަދިވެސް އެބަ އޮތެވެ.