ދުނިޔެ

އެމެރިކާ އިންތިޚާބު: ވައިޓް ހައުސް ވަށާ ފެންސްޖަހާ ބައްދަލާއިފި


ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓު ހައުސުގެ ވަށައިގެން ފެންސު ޖަހައިފިއެވެ.

މިދިޔަ މެއި މަހުގެ ތެރޭގައި ކަޅު ނަސްލުގެ މީހެއް ކަމުގައިވާ ޖޯޖު ފުލޯއިޑު ފުލުހުންގެ އަނިޔާވެރިކަމުގެ ސަބަބުން މަރުވުމާ ގުޅިގެން އެމެރިކާގައިވަނީ ގިނަ މުޒާހަރާތަކެއް ކޮށްފައެވެ. އެ ދުވަސްވަރު ވައިޓު ހައުސް ރައްކާތެރިކުރުމަށް މި ފެންސުތައްވަނީ ބޭނުންކޮށްފައެވެ.

ކަމާބެހޭ ފަރާތްތަކުން ބުނީ އެމެރިކާގެ ރިޔާސީ އިންތިޚާބާއި ދިމާކޮށް އަނެއްކާވެސް އެ ފިޔަވަޅު އަޅާފައިވަނީ ނުރައްކަލެއް އޮތްކަމަށް ޔަޤީންކުރެވިގެން ނޫންކަމަށާއި އެ ފިޔަވަޅު އަޅާފައިވަނީ މިހާރު ކުރިއަށްދާ އިންތިޚާބަށް ފަހު އަތުވެދާނެ ކޮންމެ ޙާލަތަކަށްވެސް ތައްޔާރަށް ތިބުމުގެ ގޮތުންކަމަށެވެ.

އުސް މިނުގައި އަށް ފޫޓު އަދި ފުޅާ މިނުގައި ހަތަރު ފޫޓު ހުންނަ ވަރުގަދަ ޕެނަލުތަކެއް ގުޅުވައިގެން އިންތިޚާބު ފެށުމުގެ ކުރިން ވައިޓު ހައުސްގެ ވަށައިގެން ޖަހާފައިވާ ފެންސަކީ އެ ފެންސު މަތިން މީހުންނަށް ނޭރޭގޮތަށް ފަރުމާކޮށްފައިވާ ފެންސެކެވެ. ވައިޓު ހައުސް ވަށައިގެން އޮންނަ 21 ހެކްޓަރުގެ ބިމުގެ ސަރަޙައްދު ވަށައިގެން އެ ފެންސުވަނީ ޖަހާފައެވެ. ޖޯޖު ފުލޯއިޑުގެ މަރާއި ގުޅިގެން ހޫނު މުޒާހަރާތަކެއް ކޮށްފައިވާ ލަފަޔެޓް ޕާކުގެ ސަރަޙައްދުވެސްވަނީ ފެންސުން ބައްދާލާފައެވެ. އެ ފެންސުތަކުގެ ބޭނުމަކީ ވައިޓު ހައުސާ ވީ އެންމެ ދުރެއްގައި އާންމުން ބޭއްތިއްބުންކަމަށް ޤަބޫލުކުރެވެއެވެ.

ވައިޓު ހައުސުގައި ރައްކާތެރިކަމުގެ ޚާއްޞަ ފިޔަވަޅުތައް އަޅާފައިވަނީ އެމެރިކާގެ އެކި ވިޔަފާރިތަކުންވެސް އިންތިޚާބާއި ގުޅިގެން ހިންގާފާނެ ހަމަނުޖެހުންތަކަކަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން ފިހާރަތަކާއި އިދާރާތަކުގައި ބޯޑުޖަހަމުންދާ ދަނޑިވަޅެއްގައެވެ. ޑީސީ މެޓްރޯ ފުލުހުންވަނީ ކޮންމެ އިންތިޚާބެއްގެ ކުރިން ޢަމަލުކުރާގޮތަށް އަހަރެއް ކުރިން އިންތިޚާބަށް ތައްޔާރުވާން ފަށައިފައެވެ.

އެ ފަރާތުގެ ޒިންމާތަކުގެ ތެރޭގައި މަދަނީ ބަސްނޭހުމުން ފެށިގެން ގިނަ ޢަދަދެއްގެ މީހުން އެއްފަހަރާ އެއްވެ އުޅުމާއި އެހެނިހެން ހަމަނުޖެހުންތައް ހުއްޓުވުން ހިމެނޭކަމަށް ވޮޝިންޓަން ޑީސީގެ ޕޮލިސް ފައުންޑޭޝަނުން މީގެ ކުރިންވަނީ ބުނެފައެވެ. އޭގެ އިތުރުން ވޮޝިންޓަންގެ ރައްކާތެރިކަން ޔަޤީންކޮށް ސަލާމަތީ ފިޔަވަޅުތައް އެޅުމަށް ޖާސޫސީ އިދާރާތަކާއެކުވެސް ފުލުހުންދަނީ ޙަރަކާތްތެރިވަމުންނެވެ. އެއްވެސް ފަރާތަކަށް އިންތިޚާބު ކާމިޔާބު ނުވެއްޖެނަމަ ވޮޝިންޓަންގެ އެކި ސަރަޙައްދުތަކަށް ގިނަ ޢަދަދެއްގެ އޮފިސަރުން ނެރޭނެކަމަށް ޕޮލިސް ފައުންޑޭޝަނުންވަނީ ބުނެފައެވެ.