ޚަބަރު

އަފްޣާނިސްތާނާއި އޮސްޓްރިއާގައި ދިން ޙަމަލާތައް މިނިސްޓަރ ޝާހިދު ކުށްވެރިކުރައްވައިފި


އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ ކާބުލް ޔުނިވަރސިޓީއަށް ހަތިޔާރު އެޅި ބަޔަކު ވަދެ ހަމަލާ ދީ، އެތައް ބަޔަކު މަރާލި ހާދިސާ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކުށްވެރިކުރައްވައިފިއެވެ. މިނިސްޓަރ ޝާހިދުވަނީ އަފްޣާނިސްތާނުގެ ވަގުތީ ޚާރިޖީ ވަޒީރު މުހައްމަދު ހަނީފު އަތުމާރްއަށް މިކަމާއިގުޅިގެން މެސެޖެއް ފޮނުއްވާފައެވެ.

މި މެސެޖްގައި، ހަމަލާގައި މަރުވި ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ރައްދުކޮށްދެއްވުމަށް އެދިވަޑައިގެން، ޓެރަރިޒަމްގެ ހުރިހާ ބާވަތެއް ރާއްޖެއިން ކުށްވެރިކުރާކަމަށް ވިދާޅުވިއެވެ. އަދި އަފްޣާނިސްތާނުގައި އަމާންކަމާއި ހަމަޖެހުން ޤާއިމްކުރުމަށް އެގައުމުން ކުރަމުންދާ މަސައްކަތުގައި ދިވެހި ސަރުކާރާއި ރައްޔިތުން، އަފްޣާނިސްތާން ސަރުކާރާއެކު އޮތްކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. އަފްޣާނިސްތާނުގައި ދިން ބަޑީގެ ޙަމަލާގައި 19މީހުންވަނީ މަރުވެފައެވެ. މިއީ އަފްޣާނިސްތާނުގައި ތައުލީމީ މަރުޒަކަށް 1 ހަފްތާގެ ތެރޭ ދިން މިފަދަ ދެވަނަ ޙަމަލާއެވެ. މީގެ ކުރިން ދިން ޙަމަލާއާއި ގުޅިގެންވެސް މިނިސްޓަރ ޝާހިދު ވަނީ ހަމްދަރުދީގެ މެސެޖެއް ފޮނުއްވާފައެވެ.

މީގެ އިތުރުން އޮސްޓްރިއާގައި ދިން ހަމަލާތައްވެސް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުވަނީ ކުށްވެރިކުރައްވާފައެވެ. މި ޙަމަލާގައި 4މީހުން މަރުވެ، 17މީހުންނަށް އެކިވަރުގެ އަނިޔާވަނީ ވެފައެވެ.

މި ޙަމަލާގައި މަރުވި ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވައި، މި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ އޮސްޓްރިއާ އާއެކު ކަމަށް، މިނިސްޓަރ ޝާހިދު ވަނީ އޮސްޓްރިއާގެ ޚާރިޖީ ވަޒީރު އެލެގްޒެންޑަރ ޝެލެންބަރގްއަށް ފޮނިވި މެސެޖުގައި ވިދާޅުވެފައެވެ. އަދި ދިވެހިރާއްޖެއިން ހުރިހާ ބާވަތެއްގެ ޓެރަރިޒަމްގެ އަމަލުތައްވެސް ކުށްވެރިކުރާކަމަށް ވިދާޅުވިއެވެ.