ޚަބަރު

އެޗްޕީއޭގެ އެންގުމާ ޚިލާފްވުމުން އިދިކޮޅުން ބޭއްވި އެއްވުމުގެ ބައެއް ބައިވެރިން ފުލުހުންގެ ބެލުމުގެދަށަށް


އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިންތަކާއި ޚިލާފަށް ޕީޕީއެމް ޕީއެންސީން ބޭއްވި އެއްވުމުގައި ބައިވެރިވި ބައެއް ފަރާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ނަސްރުގެ ދުވަސް ފާހަގަކުރުމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީން ބޭއްވި އެއްވުން ބާއްވާފައިވަނީ ޕީޕީއެމް އޮފީސް ކުރިމަތީގައެވެ.

ފުލުހުން ވިދާޅުވީ އެއްވުމުގެ ބައެއް ބައިވެރިން ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވަނީ އެޗްޕީއޭގެ ގައިޑްލައިންތަކާއި ޚިލާފަށް، އެއްވުން ނުބޭއްވުމަށް ތަކުރާރުކޮށް ނަސޭހަތެރިވެފައިވަނިކޮށް، އެއްވުން ކުރިއަށްގެންގޮސްފައިވާތީކަމަށެވެ. އަދި މި އެއްވުމުގައި ބައިވެރިވި ބައެއް ފަރާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަނަމަވެސް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. ފުލުހުންގެ ބެލުމުގެދަށަށް ގެންދިޔަ މީހުންގެ ތެރޭގައި ޕީއެންސީގެ ނާއިބު ރައީސް އިބްރާޙިމް ޝުޖާއުވެސް ހިމެނެއެވެ.

އެއްވުން ކުރިއަށްދިޔައިރުވެސް ފުލުންވަނީ އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް ޢަމަލުކުރުމަށް ތަކުރާރުކޮށް އަންގައި އިލްތިމާސް ކޮށްފައެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގިނަ މީހުން ބައިވެރިވާ އެއްވުންތައް ނުބޭއްވުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކޮށްފައެވެ. ގިނަ މީހުން ބައިވެރިވާންޖެހޭ ބައްދަލުވުންތައް އޮންލައިންކޮށް ކުރިއަށްގެންދިއުމަށްވެސް އެޗްޕީއޭއިންވަނީ އަންގާފައެވެ.