ޚަބަރު

ކޯވިޑް-19 : ކަނޑިންމަ ރިސޯޓުން އިތުރު 27 މީހުން ޕޮޒިޓިވްވެއްޖެ


ކަނޑިންމަ ރިސޯޓުން އިތުރު 27 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މިއާއެކު މިހާތަނަށް އެ ރިސޯޓުން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 46އަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވިދާޅުވީ ކަނޑިންމަ ރިސޯޓުން މިހާތަނަށް 176 ސާމްޕަލް ޓެސްޓުކޮށްފައިވާކަމަށެވެ.
މި ސާމްޕަލްތަކުގެ ތެރެއިން 46 ސާމްޕަލްވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި 126ސާމްޕަލް ނެގެޓިވްވެ، 4 ސާމްޕަލްގެ ނަތީޖާ ޔަގީން ނުކުރެވޭކަމަށް އެޗްޕީއޭއިންވަނީ ވިދާޅުވެފައެވެ.

ކަނޑިންމަ ރިސޯޓުން ކޯވިޑް-19އަށް ފުރަތަމަ މީހަކު ޕޮޒިޓިވްވިކަން އެނގިފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. ހާލު ބޮޑުވެގެން ދ.އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ މިމީހާވަނީ ނިޔާވެފައެވެ. އޭނާ ބައްޔަށް ޕޮޒިޓިވްކަން އެނގިފައިވަނީ ނިޔާވިފަހުން ނެގި ސާމްޕަލްއިންކަމަށް އެޗްޕީއޭއިން މަޢުލޫމާތުދެއެވެ.

މި ކޭސްއާއި ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު، ފުރަތަމަ ނެގި 20ސާމްޕަލްގެ ތެރެއިން 17 ސާމްޕަލްވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.
ކަނޑިންމަ ރިސޯޓުން ގިނަ ކޭސްތަކެއް ފެނުމާއި ގުޅިގެން ދ.އަތޮޅު ހޮސްޕިޓަލްގެ ޓީމެއް މިހާރުދަނީ އެރިސޯޓްގައި ހަރަކާތްތެރިވަމުންނެވެ. މި ޓީމަކީ ކޮންޓެކްޓް ޓްރޭސިންގްއާއި، ސާމްޕަލް ނެގުމާއި، ސިއްޙީ އެހީ ފޯރުކޮށްދިނުމަށް އެ ރިސޯޓަށް ގޮސްފައިވާ ޓީމެކެވެ.

ދ.އަތޮޅުގައި ހިންގަމުން އަންނަ ކަނޑިންމަ ރިސޯޓް މިވަގުތު އޮތީ މޮނިޓަރިންގެ ޙާލަތުގައެވެ. މި ރިސޯޓަކީ އެއް ރިސޯޓަކުން ކޯވިޑް-19އިގެ އެންމެ ގިނަ ކޭސްތައް ފެނުނު ރިސޯޓެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާއްމުކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު މިވަގުތު 31 ރިސޯޓުގައި ކޯވިޑަށް ޕޮޒިޓިވް މީހުން އެބަތިއްބެވެ. މީގެތެރޭގައި ހިމެނެނީ 43 ފަތުރުވެރިއަކާއި 97 ސްޓާފުންނެވެ.