ޚަބަރު

ދޫނިދޫ އާ ބަނދަރުގެ މަސައްކަތް ފަށައިފި


ކ.ދޫނިދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތުގެ ދަށުން މިހާރު ކުރަމުންދަނީ ބިން ހިއްކުމާއި ބަނދަރު ހަދާ ސަރަޙައްދު ފުންކުރުމުގެ މަސައްކަތެވެ.

ދޫނިދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދަނީ އެމްޓީސީސީންއިންނެވެ. އެރަށުގައި ތަރައްޤީކުރަނީ 250މީޓަރުގެ ބަނދަރެކެވެ. މި މަޝްރޫޢުގެ މަސައްކަތުގެ ދަށުން 3.75 އޭކަރުގެ ބިން ހިއްކުމާއި، ބަނދަރު ފުންކުރުމާއި، 370 މީޓަރު ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، ރިވެޓްމެންޓްޖެހުން ހިމެނެއެވެ.

އަދި ބަނދަރުގެ އެއްގަމުތޮށި ވަށައިގެން ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުންވެސް ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.
މި މަޝްރޫޢަށް ސަރުކާރުން 51.4މިލިއަން ރުފިޔާ ޚަރަދުކުރުމަށްވަނީ ހަމަޖެހިފައެވެ.

ދޫނިދޫ ބޭނުންކުރަނީ، އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެންދާ މީހުން ބޭތިއްބުމަށެވެ. ދޫނިދުއަށް އަރާފޭބުމަށް މިހާރު ބޭނުންކުރާ ބަނދަރު ތޮށިވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.