ދުނިޔެ

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ކުރިޔަށް، ފުރަތަމަ 5 ވޯޓް ބައިޑަންއަށް


އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ރަސްމީކޮށް ފެށިގެން ކުރިޔަށް އެބަދެއެވެ. މި އަހަރުގެ އިންތިޚާބުގައި ވާދަކުރައްވަނީ އިތުރު ދަޢުރަކަށް ކުރިމަތިލައްވާފައިވާ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަންޕާއި ޑިމޮކްރަޓުންގެ ފަރާތުން ވާދަކުރައްވާ ކުރީގެ ނައިބު ރައީސް ޖޯ ބައިޑަނެވެ. ނިއުޔޯކާއި ނިއު ޖާޒީއާއި ވާޖީނިއާގައި ވޯޓުލުން ފެށިގެން މިހާރު ކުރިއަށް ދެއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ފުރަތަމަ ފަށާފައިވަނީ ނިއު ހެމްޝަޔާ ސްޓޭޓުގައެވެ. ޖަންގައްޔެއްގެ މެދުގައި އޮންނަ މި ކުޑަކުޑަ އަވަށަކީ 1960 ފެށިގެން އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އެެންމެ ކުރިން ވޯޓްލާ ނަތިޖާ އިއުލާންކުރާ ސަރަހައްދެވެ. މި އަވަށުގައި 12 މީހުންް ދިރިއުޅޭއިރު އަވަށުން ވޯޓްލީ 5 މީހުންނެވެ. މި އެންމެންވެސް ވޯޓްދީފައިވަނީ ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓް ޖޯ ބައިޑަނަށެވެ.

ރަސްމީކޮށް ވޯޓުލުން ފެށުމުގެ ކުރީ ދުވަހު ރައީސް ޓްރަންޕުވަނީ ހަތަރު ސްޓޭޓެއްގައި ފަސް ކެންޕޭނު ޙާރަކާތެއް ބާއްވަވާފައެވެ. އެގޮތުން ނޯތު ކެރޮލިނާއާއި ޕެންސިލްވޭނިއާއާއި މިޝިގަންގެ އިތުރުން ވިސްކޮންސިންގައި ރައީސް ޓްރަންޕުވަނީ ކެންޕެއިނު ކުރައްވާފައެވެ. ކެންޕެއިނު ކުރުމުގެ ފަހު ދުވަސް ބައިޑަން ހޭދަކުރައްވާފައިވަނީ ޕެންސިލްވޭނިއާއާއި އޯހައިއޯގައެވެ.

މި އަހަރުގެ އިންތިޚާބުގެ ތާރީޚުގެ ކުރިން ރެކޯޑު ޢަދަދެއްގެ މީހުންވަނީ އިންތިޚާބުގައި ދުރާލާ ވޯޓުލާފައެވެ. އެގޮތުން 98.7 މިލިއަނަށްވުރެ ގިނަ މީހުންވަނީ ދުރާލާ ވޯޓުލާފައެވެ. އޭގެ ތެރޭގައި ވޯޓުލާ މަރުކަޒުތަކަށް ގޮސް ވޯޓުލާފައިވާ 33 މިލިއަން މީހުންނާއި ޕޯސްޓު މެދުވެރިކޮށް ވޯޓުލީ 58 މިލިއަން މީހުން ހިމެނެއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ފެށިގެން ކުރިއަށްދަނީ ކޯވިޑް-19ގެ ސަބަބުން އެ ޤައުމުގެ ޙާލަތު ވަރަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާ އޮތީ މިހާތަނަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހި އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވި ޤައުމުގެ ގޮތުގައެވެ. އެމެރިކާގައި މިހާތަނަށް 9.5 މިލިއަން މީހުންނަށް ބަލިޖެހި 237،000 މީހުންވަނީ މަރުވެފައެވެ. އިންތިޚާބުގެ ނަތީޖާ ލިބެން ފަށާނެކަމަށް ބެލެވެނީ މިރޭގެ ދަންވަރުގެ ވަގުތެއްގައެވެ.