ޚަބަރު

ޤައުމުތަކަށް ދިމާވާ ނުރައްކާތަކުން އަރައިގަތުމަށް ބައިނަލްއަޤްވާމީ ގުޅުންތައް މުހިންމު: މިނިސްޓަރ ޝާހިދު


ޤައުމުތަކަށް ދިމާވާ ނުރައްކާތަކުން އަރައިގަތުމަށް ބޭނުންވާ އެންމެ މުހިންމު ތަޅުދަނޑިއަކީ، ބައިނަލްއަޤްވާމީ ޤައުމުތަކާއިއެކު ދާއިމީ ގުޅުންތައް ޤާއިމުކުރުންކަމުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ނަސްރުގެ ދުވަހުގެ މުނާސަބާގައި ފޮނުއްވި މެސެޖުގައެވެ. މިނިސްޓަރ ވިދާޅުވީ މިފަދަ ދުވަސްތަކަކީ ކުދި ޤައުމުތަކަށް ކުރިމަތިވެފައިވާ ނުރައްކާތަކާއި، ދަތިތަކުގެ މަތިން ހަނދާންކުރަންޖެހޭ ދުވަސްތަކެއް ކަމަށެވެ. މި މައްސަލައަކީ ދިވެހިރާއްޖެއިން އދގައިވެސް ފާހަގަކޮށްފައިވާ މުހިންމު ކަމެއްކަމަށާއި، ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތްކުރަމުންދަނީ ދަތިތަކުން އަވަހަށް އަރައިގަތުމަށް ބޭނުންވާ މަސައްކަތް ހަރުދަނާކޮށް، ބައިނަލްއަޤްވާމީ މުޖުތަމަޢުއާއިއެކު ދާއިމީ ގުޅުން ޤާއިމުކުރުމަށްކަމަށް މިނސިްޓަރ ވަނީ ވިދާޅުވެފައެވެ.

ނަސްރުގެ ދުވަހުގެ މުސާބަތުގައި ފޮރިން މިނިސްޓަރ ނެރުއްވި މި މެސެޖުގައިވަނީ ނޮވެމްބަރު 3ގެ ބަޠަލުންނަށް ޝުކުރާއި ތަޙުނިޔާ އަރިސްކުރައްވާފައެވެ. މިއަދަކީ ދިވެހި ޤައުމަށްޓަކައި ޤުރުބާންވެ ޝަހީދުވި ދިވެހި ސިފައިންނާއި، ދިވެހިދަރީންގެ ހަނދާންތައް އާކޮށް، މިނިވަންކަމާއި ޤައުމުގެ އިސްތިޤުލާލަށްޓަކައި ހަނގުރާމަކުރި ހިތްވަރުގަދަ ފަހުލަވާނުންގެ ޝަރަފުވެރި ޒިކުރާ އާކުރާ ދުވަސްކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މި މެސެޖުގައި މިނިސްޓަރ ޝާހިދުވަނީ ނޮވެމްބަރު 3ގައި އަވަށްޓެރި އިންޑިއާއިން ވެދެއްވި އެހީތެރިކަން ފާހަގަކޮށް، ޝުކުރު އަދާކުރައްވާފައެވެ. މިއަދަކީ ހަޤީޤީ ރަޙުމަތްތެރިކަމުގެ އަގު ވަޒަންކުރާ ދުވަސްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އިންޑިއާއަކީ އިތުބާރުއޮތް ދިވެހިންގެ އަވަށްޓެރިއެއްކަމަށާއި، ނޮވެމްބަރު 3ގެ އުދުވާނީ ޙަމަލާ ނާކާމިޔާބުކޮށްލުމުގައި އިންޑިއާއިން ވެދިން އެހީތެރިކަމުގެ ހަނދާންތައް ދިވެހިން އަބަދުވެސް އާކުރާނެކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.